ނައިބު ރައީސް ފައިސަލް ނަސީމު މިދިޔަ އަހަރު ރައީސްކަމުގެ ހުވާކުރެއްވި މައްސަލަ އިދިކޮޅު ކޯލިޝަނުން ދުސްތޫރީގެ މައްސަލައެއްގެ ގޮތުގައި އަނެއްކާ ވެސް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ސިންގަޕޫރްގައި ސާޖަރީއެއް ހެދުމަށް، ވަގުތު ނަގާތީ ރައީސްގެ ޒިންމާތައް ފައިސަލާ ހަވާލުކުރެއްވުމުން އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގަ އެވެ.

އެހެންވެ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅީ ފައިސަލް ރައީސްކަމުގެ ހުވާކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން ރައީސް ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެ އެވެ.
Vice President @FaisalNasym has taken the oath of office to assume duties of the President of the Republic of Maldives pic.twitter.com/8E5WQKtqfh
— People's Majlis (@mvpeoplesmajlis) February 25, 2022
ޕީޕީއެމް/ޕީއެންސީގެ ގާނޫނީ ވަކީލުންގެ ޓީމަކުން މައްސަލަ މިއަދު ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ޒިންމާތައް އަދާނުކުރެއްވޭ ހާލަތެއް މެދުވެރިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެވުމުން ފައިސަލް ރައީސްގެގެ ހުވާ ކުރެއްވުމުން ރައީސް ސޯލިހަށް މަގާމުގައި މިހާރު ހުރެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް މިހާރު ނެތް ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. މި މައްސަލަ މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުން ބަލައިގެންފައެއް ނުވެ އެވެ.