Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އީއައިއޭ ނަހަދައި މަގު ހެދި މައްސަލައިގައި އެމްއާރްޑީސީ ޖުރިމަނާ ކޮށްފި

ހިތަދޫ ޝަރަފުއްދީން މަގު ހެދުމުގެ މަސައްކަތް ރޯޑް ކޯޕަރޭޝަނުން ކުރަނީ.:. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ އަވަށް ތަކުގެ މަގު ހެދިއިރު މަގު ހެދުމުގެ ކުރިން ހަދަން ޖެހޭ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނަހަދައި މަސައްކަތް ކޮށްފައިވާތީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްއާރްޑީސީ) ޖޫރިމަނާ ކޮށްފި އެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީއައިއޭ ނަހަދައި އެމްއާރްޑީސީ މަގު ހަދާފައިވާތީ އެކުންފުނި 739،500 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާ ކަމަށެވެ.

"…'ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅިފައިވާ ބަދަލުހޯދުމުގެ ގަވާއިދު 2010' ގައިވާ ގޮތުގެ މަތިން އެމްއާރުޑީސީ ވަނީ 739،500.00 ރުފިޔާއިން ޖޫރިމަނާ ކުރެވިފަ އެވެ،" އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ޖޫރިމަނާކުރި ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދައްކާ ހަލާސްކުރުމަށް ވެސް އެމްއާރުޑީސީއަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަންވާނީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހަދައިގެންނެވެ. އަދި "ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަލާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދު 2012" ގައިވާ ގޮތުން މަގުހެދުމުގެ ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން އީއައިއޭ ހަދާ ނިންމި ގޮތުގެ ލިޔުން ހޯދަންޖެހެ އެވެ.

އައްޑޫގެ މަގުތައް އީއައިއޭ ނަހަދައި އެމްއާރްޑީސީން ހަދަން ފެށުމުން އެކަމާއި ކައުންސިލުން ވަނީ މައްސަލަ ޖައްސާފައެވެ. އެގޮތުން ހިތަދޫ ޝަރަފުއްދީން މަގު ހެދުން ކައުންސިލުން ވަނީ ހުއްޓުވާފައެވެ.