އައްޑޫ ސިޓީ ކައުންސިލުން ދޭ ވެހިކަލްތަކުގެ އަހަރީ ފީ ސްޓިކާ، ފުލުހުންނާއި، ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާތަކުން ބަލައި ނުގަންނާނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) އިން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވެހިކަލް ތަކުގައި އަމިއްލަ ސްޓިކާ ޖަހަމުންދާ މައްސަލާގައި މީރާގެ ޑައިރެކްޓާ ޖެނެރަލް ރިޓާން އެންޑް ޕޭމަންޓް ޕްރޮސެސިން އަހުމަދު ޝަރީފް ވިދާޅުވީ އެ ސްޓިކާ ގަބޫލު ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
އަދި ސިޓީ ކައުންސިލުން ފީ ނަގައި ސްޓިކާ އެއް ޖެހި ނަމަވެސް އެ ސައިކަލަކީ އަހަރީ ފީ ދައްކާފައިވާ ސައިކަލެއްކަން ލިޔެކިޔުންތަކުން ނުދައްކާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އައްޑޫން ވެހިކަލްތަކަށް ނަގާ ފީ މީރާގެ ރެވެނިއު އެކައުންޓަށް ޖަމާކުރުން މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ކައުންސިލުން ވަނީ ހުއްޓާލާފައެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ވެހިކަލް ތަކުން ނަގާ ފީ އަކީ ކައުންސިލްގެ އާމްދަނީއެއް ކަމަށް ގާނޫންގައި ބަޔާން ވެފައިވާ އިރު މީރާގެ ރެވެނިއު އެކައުންޓަށް ފައިސާ ޖަމާ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ ފައިސާއަކީ ކައުންސިލްގެ އާމްދަނީއެއް ކަމަށެވެ.
ކައުންސިލުން މީރާްއަށް ފައިސާ ޖަމާކުރުން ހުއްޓާލުމާއި ގުޅިގެން، މީރާއިން ވަނީ ވެހިކަލް ތަކުގެ ސްޓިކާ ކައުންސިލަށް ފޮނުވުން ހުއްޓާލާފައެވެ.
ޝަރީފް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުންދޭ ސްޓިކާ ޖަހާފައިވާ ވެހިކަލް ވިއްކާލާ ހާލަތްތަކުގަ އާއި ޓްރެފިކް މައްސަލަތަކުގައި އެ ސައިކަލަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ގިނަވާނެ ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ އެވެހިކަލަކީ އަހަރީ ފީ ދައްކާފައިވާ ވެހިކަލެއްކަން މީރާގެ ލިޔެ ކިއުމުން ނުފެންނާނެތީ ކަމަށެވެ.