މިިދިޔަ އަހަރުގެ ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ޕީއެސްޖީގެ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑު މެސީ ގެންދިޔައީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އަދި ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއާ ވާދަކޮށެވެ.
މިއީ ފީފާ އިން ބެސްޓް އެވޯޑު ތައާރަފް ކުރިފަހުން މި އެވޯޑު މެސީ ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
މި އެވޯޑު މެސީ ގެންދިޔައިރު އޭނާ ވަނީ މިދިޔަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި ކުޅުނު 49 މެޗުގައި 27 ގޯލު ކާމިޔާބުކޮށްފަ އެވެ.
އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު މެސީ ގެންދިޔައިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ މިޑްފީލްޑަރު އެލެކްސިއާ ޕުޓެޔާސް އެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ އިންގްލެންޑް ގައުމީ ޓީމަށް ޔޫރޯ ކާމިޔާބުކޮށްދިން ސެރީނާ ވީގްމެން އެވެ.
މިއަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ އެސްޓަންވިލާގެ އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް އެވެ. އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މެރީ އީޕްސް އެވެ.
އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް މި ފަހަރު ހާސިލްކުރީ މާސިން އޮލެކްސީ އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ އެންމެ މޮޅު ފިރިހެން 11 ކުޅުންތެރިން ހިމެނޭ ޓީމުވެސް އިއުލާންކޮށްފަ އެވެ.
އެގޮތުން އެޓީމުގެ ކީޕަރަކީ ތިބޯ ކޯޓުއާ އެވެ. ޑިފެންޑަރުންނަކީ އަޝްރަފް ހަކީމީ އާއި ވާޖިލް ވެންޑައިކް އަދި ޖާއޯ ކަންސެލޯ އެވެ. މިޑްފީލްޑަރުންނަކީ ލޫކަ މޮޑްރިޗް އާއި ކެވިން ޑި ބްރޭނާ އާއި ކަސެމީރޯ އެވެ. ފޯވާޑުންނަކީ ކިލިއަން އެމްބާޕޭ އާއި އާލިން ހާލަންޑްގެ އިތުރުން މެސީ އާއި ބެންޒެމާ އެވެ.