Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

އަނަންޔާ މި ފަހަރު ނިންމާލީ ސައިބާ ތުރިލާއެއް

ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ސައިބާ ތުރިލާއެއްގެ މަސައްކަތް ނިންމައިފި އެވެ.

މި ފިލްމަކީ "އުޅާން" އާއި "ލުޓޭރާ" އަދި "ރާމަން ރާގަވް 2.0" ފަދަ ފިލްމުތައް ގެނެސްދިން ވިކްރަމަދިޔާ މޮޓްވާނާގެ ފިލްމެކެވެ. ނަން އަދި އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން ނިންމައިލި ވާހަކަ ޑައިރެކްޓަރާއި ފިލްމުގެ ޓީމާ އެކީ ނަގާފައިވާ ފޮޓޯތަކަކާ އެކީ އަނަންޔާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އޭގައި އޭނަ ވަނީ މޮޓްވާނޭ އާއި ފިލްމުގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

މޮޓްވާނޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ނެޓްފްލިކްސްގެ 2020 ގެ "އޭކޭ ވާސަސް އޭކޭ" އެވެ.

އަނަންޔާ، 24، ބުނެފައިވާ ގޮތުގައި މޮޓްވާނޭ އަކީ ވިޝް ލިސްޓްގައި ހިމެނޭ ޑައިރެކްޓަރެއްކަމުން ކެރިއަރުގެ އެހާ ކުރީކޮޅު އޭނަގެ ފިލްމެއްގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ.

މިދިޔަ އަހަރު އަނަންޔާގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ގެހަރާއިޔާ" އާއި "ލައިގާ" އެވެ. މި އަހަރަށް ހުރި އޭނަގެ ފިލްމުތަކުގެ ތެރޭގައި "ޑްރީމް ގާލް 2" އާއި "ކޯ ގަޔޭ ހަމް ކަހާ" ހިމެނެ އެވެ.