Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ތިން އަވަށެއްގެ ގޯއްޗަށް މިއަދު ސުންގަޑި ހަމަވާނެ

އައްޑޫގެ ތިން އަވަށަކުން ދޫކުރަން ހުޅުވައިލި ގޯއްޗަށް ކުރިމަތިލާން ދިން ސުންގަޑި މިއަދު ހަމަވާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

ހިތަދު އާއި ފޭދު އާއި ހުޅުދު އާއި މީދޫން މިދިޔަ މަހުގެ ތެރޭގައި 1،000 ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 2 ގަ އެވެ. އެގޮތުން ފޭދު އާއި މީދޫ އަދި ހުޅުދޫގެ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 1:00 އަށް ހަމަވާނެ އެވެ.

ހިތަދޫގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 5 ގަ އެވެ.

ދިރިއުޅެން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ފަހުން އައްޑޫގެ އަވަށްތަކަކުން ގޯތި ދޭން ނިންމި އިރު، ހިތަދޫން 500 ގޯތި، ފޭދޫން 300، ގޯތި، މީދު އާއި ހުޅުދޫން މިއިން ކޮންމެ އަވަށަކުން 100 ގޯއްޗަށް ހުޅުވާލި އެވެ. މީދު އާއި ހުޅުދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ. ނަމަވެސް އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.

އަދި ކޮންމެ އަވަށަކުން އެ އަވަށް ނޫން އެހެން އަވަށްތަކުގެ މީހުންނަށް ވެސް ގޯތިތަކެއް ހާއްސަކޮށްފައިވެ އެވެ. އެގޮތުން ފޭދު އާއި މީދޫ އަދި ހުޅުދޫން މިއިން ކޮންމެ އަވަށަކުން އެ އަވަށް ނޫން އަވަށްތަކުގެ މީހުންނަށް 10 ގޯތި ހާއްސަކޮށްފައިވެ އެވެ. ހިތަދޫން 50 ގޯތި އެހެން އަވަށްތަކުގެ މީހުންނަށް ހާއްސަކޮށްފައިވެ އެވެ.