އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިހާރު މަސައްކަތް ކުރައްވާ ބިދޭސީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ބަދަލުގައި ގިނަ އަދަދެއްގެ ދިވެހިން ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ 15 ދާއިރާއަކުން 29 ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކުރި ދާއިރާތަކަކީ އެސޯސިއޭޓް ސްޕެޝަލިސްޓް/ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިން، އިމަޖެންސީ ފިޒިޝަން، އެނެސްތީސިއޮލޮޖީ، ސާޖަރީ، އީއެންޓީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ، ސައިކޭޓްރީ، އޯތޯޕީޑިކްސް، ރޭޑިއޮލޮޖީ، ޑާމަޓޮލޮޖީ، ޕެތޮލޮޖީ، ޔޫރޮލޮޖީ، އޮފްތަލްމޮލޮޖީ އަދި އޯތޯޑޮންޓިކްސް އެވެ.
މަގާމުތަކުގެ މުސާރަ އުޅެނީ 25،260ރ. އާއި 54،430ރ. އާ ދެމެދުގަ އެވެ.
މަގާމުތަކަށް ޝައުގުވެރިވާ ޑޮކްޓަރުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 6 ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އޭއީއެޗުން ބުނީ ވަޒީފާތަކަށް އެޕްލައިކުރާ ޑޮކްޓަރުންގެ ތެރެއިން އިންޓަވިއު އަށް ޝޯޓްލިސްޓްކުރާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ޑޮކްޓަރުން ކަމަށެވެ.
އިންޓަވިއު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12-30 އަށެވެ.
އޭއީއެޗަކީ އަތޮޅު ތެރޭގައި ހިންގާ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލެވެ.