Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ އަންހެނުންގެ ގައިން ނުބައިވަސް ދުވާކަމަށް ބުނުމުން ފާޑުކިޔުން

މެންބަރު މުހައްމަދު ރާޝިދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްރަށުގައި ފެނާ ނަރުދަމާ އެޅުމުގެ ކުރިން ރަށްރަށުގެ އަންހެނުންގެ ގައިން "މީރު ވަހެއް ނުދުވާ" ބުނުމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގަރާރަށް ވާހަކަ ދައްކަވަމުން ރާޝިދުވަނީ ސަރުކާރަށް ސަނާކިޔުމުގެ މޭރުމުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ރާޝިދު ވިދާޅުވީ ރަށްފުށުގައި ތިބި "ރީތި ލޯބި އަންހެން ކުދިން" ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ ކަމަށެވެ.

"އެއީ ޗަކަ ފެނުން ފެންވަރަން ޖެހޭތީ. މިއަދު ވަރަށް ރީތި ސާފު ފެނުން ފެންވަރައިގެން އެތިބީ." ރާޝީދު ވިދާޅުވިއެވެ.

ރާޝިދު މިފަދައިން ވިދާޅުވުމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ނިޒާމީ ނުކުތާ ނަންގަވާ ދިވެހި އަންހެނުންނާ ގުޅޭގޮތުން ބޭއަދަބީ ބަހެއް ބޭނުންކޮށް މަޖިލީހުގައި ވާހަކަ ދެއްކުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.