Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ސަރުކާރަށް ޖޭޕީގެ ކޮންޓްރޯލެއް ނުނެގުނު: ވައްޑެ

ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތް ނަމަވެސް އެ ޕާޓީގެ ކޮންޓްރޯލް ސަރުކާރަށް ނެގިފައި ނެތުމަކީ ޖޭޕީގެ ވަރުގަދަ ސިފައެއް ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ގައުމީ މަޖިލީހާއި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިސް މެމްބަރުންނަށް ވަޒީފާ އާއި ހަދިޔާތައް ދީގެން ސަރުކާރުން ކޮންޓްރޯލް ނަގާފައިވާ ކަމަށެވެ.

"[އެކަމަކު އެ] ބީދައިން ޖުމްހޫރީ ޕާޓީގެ ގުނަންތަކުގެ ކޮންޓްރޯލް ސަރުކާރަށް ނުނެގުނުކަމީ އެ ޕާޓީން ފެނުނު ވަރުގަދަ ސިފައެއް." އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިސް މަގާމުތަކެއްގެ އިތުރުން ސިޔާސީ އެކިއެކި މަގާމުތަކުގައި ޖޭޕީގެ މެމްބަރުން އެބަތިއްބެވެ. އެގޮތުން ނައިބު ފައިސަލް ނަސީމު އެ ޕާޓީ އަށް ނިސްބަތްވާ، މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އަކީ ޓްރާންސްޕޯޓް މިނިސްޓަރެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު (ހަނަފީ) އަކީ ވެސް ޖޭޕީ އަށް ނިސްބަތްވާ މެމްބަރެކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، ޖޭޕީ އަދިވެސް އޮތީ ރައީސަށް ތާއީދުކުރުމާއި ކޯލިޝަން ހެދުމާ މެދު ގޮތެއް ނުނިންމަ އެވެ. އެހެންވެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ޖޭޕީން ނުކުތުމުގެ ފުރުސަތު ވެސް ބޮޑެވެ.

ގިނަ ބަޔަކު މިހާރު ތިބީ އެ ޕާޓީން ގޮތެއް ނިންމާނެ އިރެއްގެ އިންތިޒާރުގަ އެވެ.