އެމެޒޯން ޕްރައިމް ވީޑިއޯ ގެންނަން ތައްޔާރުވަމުން އަންނަ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ސީރީޒް "ސިޓަޑެލް" ގެ ކެރެކްޓާތަކެއްގެ ފަސްޓްލުކާއި ޓީޒާއެއް ދައްކާލައިފި އެވެ.
މި ސީރީޒަކީ "އެވެންޖާސް: އެންޑްގޭމް" ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯ ގެނެސްދޭ އެއްޗެކެވެ. ސައިންސް ފިކްޝަން/ސްޕައި ޖޯންރާގެ "ސިޓަޑެލް" ގައި ޕްރިޔަންކާއާ އެކީ ބަތަލުގެ ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ރިޗަޑް މެޑެން އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސްޓޭންލީ ޓަކީ، ލެސްކީ މެންވިލް، އޭޝްލީ ކަމިންސް، ރޯލަންޑް މޮލާ އަދި އޮޒީ އިކައިލް ހިމެނެ އެވެ.
"ސިޓަޑެލް" ޕްރީމިއާކުރާނީ އަންނަ އެޕްރީލް މަހުގެ 28 ގަ އެވެ. މީގެ ޓްރެއިލާ މާދަމާ އާންމުކުރާނެ އެވެ.
މީގެ އިތުރު ވާޝަންތަކެއް އެކި ބަސްތަކުން ވެސް ހަދަން ނިންމާފައިވާ އިރު، ޕްރިޔަންކާ ނިސްބަތްވާ އިންޑިއާގެ ވާޝަން "ސިޓަޑެލް އިންޑިއާ" ގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ވަރޫން ދަވަނާއި ސަމަންތާ ރޫތު ޕްރަބޫ ލީޑް ކުޅޭ ސީރީޒް ޑައިރެކްޓްކުރަނީ މި މަހު ޝާހިދު ކަޕޫޒްގެ ސީރީޒް "ފަރުޒީ" އެމެޒޯނަށް ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ.
"ސިޓަޑެލް" ގެ ސްޕެއިން، އިޓަލީ އަދި މެކްސިކޯގެ ވާޝަންތަކެއް ވެސް ހަދަން ހަމަޖެހިފައިވެ އެވެ.
އޭބީސީގެ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ގައި ހޮލީވުޑް ދަތުރު ފެށި ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ މެއި 12 އަށް ތާވަލުކޮށްފައި އޮތް "ލަވް އެގެއިން" އެވެ.