އެމްޑީޕީގެ ރައީސް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވެރިކަން ހޯދައިދޭން އުޅުމަކީ ބޮޑު ގޯހެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ އެމްޑީޕީ އަދި އެހެން ޕާޓީތައްވެސް ހިންގަނީ ދައުލަތުން އެތައް ފައިސާއެއް ދީގެން ކަމަށެވެ.
ޝަހީމް ވިދާޅުވީ އެމްޑީޕީގެ ރައީސް، އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅުވާނީ އެމްޑީޕީއާއި އެކު އެމްޑީޕީގެ ކެނޑިޑޭޓު ރިޔާސީ އިންތިހާބުގައި ހޮވުމަށްވުރެއް، ޖޭޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވެރިކަން ހޯދައިދިނުންކަމަށް ވިސްނައިދޭން ކެމްޕޭން ކުރުމަކީ މާ ބޮޑު ގޯހެއް ކަމަށެވެ.
ޝަހީމް ވަނީ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން އިންނެވުމުން އެކަމުގައި ފާޑުދާވިދާޅުވެފައެވެ.
"އެމްޑީޕީގެ މެންބަރުން މަގުމަތިވެ، ވަޒީފާތަކާ އެއްޗެހި ގެއްލިދިއުމަކީ މިއީވެސް ހަމަ އެންމެ ރަނގަޅު ކަމެއްގޮތުގައި އެމްޑީޕީގެ ރައީސް ގަބޫލުފުޅުކުރައްވާ، ހަމަ ރީތިކޮށް ވަޑައިގެން އިންނަވާ ކުރީސަފުގައި އަތް ޖައްސަވަނީ. ހަމަ އެމްޑީޕީގެ މެންބަރުން ގަބޫލުކުރައްވީތޯ އެއީކަން އެމްޑީޕީގެ މެންބަރުންނަށް އޮތް ރަނގަޅު ގޮތަކީ." ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ ވާހަކަތަކާ ގުޅިގެން އޭނާގެ ވާހަކައަށްފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ސަރުކާރުގައި އެމްޑީޕީއަށް އޮތީ 40 އިންސައްތަ ކަމަށެވެ. އެހެންކަމުން އެއަށްވުރެއް އިތުރަށް އެމްޑީޕީއަށް ލިބޭކަމަށްވާނަމަ އެއީ އެޕާޓީއަށް ރަނގަޅު ގޮތަކަށް ވާނެ ކަމަށެވެ.