ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، މެންބަރު ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ ގަރާރަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެ ގަރާރަށް ވާހަކަ ދައްކަވަމުން މެންބަރު ޝަފީގް ވިދާޅުވީ މަޖިލީހުގެ ރައީސް ބަހުސްތަކުގައި ބައިވެރިވާކަމަށް ބައެއް މެންބަރުން ބުނާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިވުމަކީ މަޖިލީހުގެ ގަވައިދުތަންދޭ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެހެން ބައެއް ގައުމުތަކުގައި މަޖިލީހުގެ ރައީސް ކޮންމެވެސް ވަރަކަށް ބަހުސްތަކުގައި ބައިވެރިވާ ކަމަށެވެ. އަދި ރާއްޖޭގެ މަޖިލީހުގެ ރައީސްވެސް ބަހުސްގައި ބައިވެރިވުމަށް ބޭނުންވާނަމަ އެގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރަންޖެހޭ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއްގައި ކަންކަން ރަނގަޅަށް ގެންދާނެގޮތާމެދު މަޖިލީހުގެ ރައީސް ހިޔާލުފާޅުކޮށް އެކަމާމެދު ދެކޭގޮތް ހާމަކޮށް މަޝްވަރާއާއި ލަފާ ދެވިދާނެކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ކަމަށެވެ.
"އަޅުގަނޑަށް އެއްވެސް ދުވަހެއްގައި ފާހަގައެއް ނުވޭ، އަޅުގަނޑު ބަހުސެއްގައި ބައިވެރިވެވުނުތަނެއް. އަނގަައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުންކަމަށް ދެކުންއެއީ ރަނގަޅު ގޮތަކަށް ނުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައިސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަސައްކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި އެކަމުގައި ފަހަތަށްނުޖެހި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވާ ގާނޫނު ހެދުމުގައި މަޖިލީހުގެ ގަވައިދުތަންދޭ އެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރާނެ ކަމަށެވެ.
މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ބަހުސްގައި ބައިވެރިވާ ކަމަށްބުނެ ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ފާޑުކިޔުން ރައިސް ނަޝީދަށް އަބަދުވެސް އަމާޒުވެއެވެ.