އައްޑޫގެ ތިން ރަށެއްގެ ގިރާ ސަރަހައްދު، ހިމާޔަތް ކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖްލިސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޠޯރިގް ވިދާޅުވީ ފޭދޫ، މަރަދޫފޭދޫއަދި މަރަދޫގެ ގިރާ ސަރަހައްދުން 2500 މީޓަރު ހިމާޔަތްކުރުމުގެ މަޝްރޫއެއް ކުރިއަށްދާކަމަށެވެ.

ޠޯރިގް ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަ ޖެހިފައިވަނީ ޑެންމާކް ސަރުކާރުގެ ހިލޭ އެހީ އާއި ކުވެއިތް ފަންޑުގެ ލޯނު އެހީގައި ކަމަށެވެ.
މިއަދުގެ މަޖްލިސްގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޠޯރިގް ވިދާޅުވީ އުކާލާ ކުނިން ހަކަތަ އުފައްދައިގެން ފެނާއި، ކަރަންޓް ދިނުމުގެ މަޝްރޫއުއަށް ބޭނުންވާ ފީސިބިލިޓީ ރިޕޯޓް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ނިމޭނެކަމަށެވެ.
އަދި އަންނަ އަހަރު މުޅި ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުގެ މަޖްލިސް ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ހިތަދޫގައި ހިމާޔަތްކޮށްފައިވާ، އީދިގަލި ކިޅިން ދެމެހެއްޓެނިވި ގޮތަކަށް ފައިދާ ލިބޭނެ ގޮތަށް ތަރައްގީ ކުރުމަށް ޕްލޭންތައް ހެދުމަށްފަހު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ސަރައްދު ވަށައިގެން 610 މީޓަރުގެ ފެންސް ޖެހުން ހިމެނޭކަމަށް ޠޯރިގް ވިދާޅުވިއެވެ. އަދި އެސަރަހައްދަށް ޒިޔާރަތްކުރާ މީހުނަށް ހިދުމަތްދޭ ރޭޖާސްހަޓް ހެދުމާއި ވަދެ ނިކުމެވޭ ސަރައްދުތައް ހެދުން ހިމެނޭ ކަމަށެވެ.
އާބާދީ ބޮޑު އައްޑޫގެ ކުނި މެނޭޖް ކުރެވޭނެ ރަނގަޅު ވަސީލަތެއް ގާއިމް ވެފައި ނެތުމުން ރަށްތަކުގެ ހޭޅިފަތް ވަނީ ކުނިން ފުރިފައެވެ. އައްޑޫއަކީ ކުނީގެ މައްސަލަ ވަރަށް ބޮޑު އަތޮޅެކެވެ.