Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އީޔޫ އިން ޓޫރިޒަމްގެ ކުދި ވިޔަފާރިތަކަށް 14.9 މިލިއަން

މަރަދޫފޭދޫގައި ހިންނާ "ވޭވް ސައުންޑް" ގެސްޓްހައުސް.

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދިން އެހީތެރިކަމުގެ ތެރެއިން އެއް މިލިއަން ޔޫރޯއާއި ގާތްކުރާ އަދަދަކަށް ދޫކުރެވިފައިވާ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ޚާއްސަކުރެވިފައިވާ އެހީއެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިކުރުމެވެ. އެގޮތުން މިޕްރޮޖެކްޓްގެ ދަށުން ވިޔަފާރިތަކަށް ގްރާންޓުގެ ގޮތުގައި 1.4 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މިއެހީއަށް އެދުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، ހޯމަ ދުވަހުގެ ނިޔަލަށް އެހީގެ ގޮތުގައި ޖުމްލަ 14.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެމްއެފްސީން ވަނީ ހާމަކޮށްފައެވެ. މިއީ ގާތްގަނޑަކަށް 1 މިލިއަން ޔޫރޯއެވެ.

މިގޮތުން އެހީ ދޫކޮށްފައިވަނީ 332 ގެސްޓް ހައުސްއަކަށާއި، 65 ސަފާރީ އުޅަނދަށް ކަމަށް އެމްއެފްއެމްސީން ބުނެއެވެ. މިއެހީ ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތެރިވާ ކުދި، %100 ދިވެހި ވިޔަފާރިތަކަށެވެ.

މިއެހީއަކީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެހީވުމުގެ މަޤްސަދުގައި ދީފައިވާ އެހީއެކެވެ.

އީޔޫން މި ޕްރޮޖެކްޓަށް ޖުމްލަ 2 މިލިއަން ޔޫރޯ ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1.4 މިލިއަން ޔޫރޯއެވެ. ބާކީ 600،000 ޔޫރޯ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަށް ހިންގުމަށެވެ.