މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ޕްރައިމަރީއާ ގުޅިގެން ތިން މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެތެރެެއިން ސިވިލް ކޯޓަށް ބަލައިގަނެފައިވަނީ އަލީ އަމުޖަދުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:15 އަށް ވަނީ ތާވަލުކޮށްފައެވެ.
ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ ޕާޓީން ވަކިކުރި 39،000 މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބާއްވައިދިނުމަަށެވެ. އަދި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމުގެ އަމުރެއް ނެރެދޭން ވެސް އެދިފައިވެއެވެ.
މި މައްސަލަ ކޯޓުގައި އޮތްްއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ އަރުވާފައެވެ. ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 24،566 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ.