Last Updated: April 18, 18:15
Thursday, April 18, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ ކެންޑިޑޭޓެއް، އެހެން ޕާޓީއެއްގެ ރަނިންމޭޓެއް؛ ކިހިނެއްވާނެ؟

މެންބަރު ހަސަން ލަތީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންމޭޓެއް އެކުގައި އިންތިހާބުގައި ވާދަކުރަން ކިހިނެއްވާނެތޯ ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ހަސަން ލަތީފް ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވުމުން އެކަމަށް ފާޑުވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ މެންބަރުންގެ ތެރޭގައި ހިމެނޭ ހަސަން ލަތީފް މިއަދުގެ ޖަލްސާގައި ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ ޓިކެޓް ކޮންގްރެސްއަކުން ރައީސް ސޯލިހަށް އެރުވީ އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުދެއްދުންކަމަށެވެ. ދެވަނަ ދައުރަކަށް ރައީސް ސޯލިހް ވާދަކުރައްވާއިރު އެންމެ ބޮޑަށް ދެއްކެވީ ކޯލިޝަން ހިފެހެއްޓެވި ވާހަކަކަމަށާއި އެހެންނަމަވެސް މިއަދު އެ ކޯލިޝަންވެސް އުފެއްދޭތަންވެސް ނުފެންނަ ކަމަށެވެ. އަދި މިވަގުތު އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައިގެންތިބީ ކުޑަ ދެ ޕާޓީއެއްކަމަށް ވިދާޅުވިއެވެ.

މެންބަރު ހަސަން ވިދާޅުވީ ބައެއް ކަންކަން ދޫކޮށްލާފައި ނަމަވެސް އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއް އޮތުން މުހިންމު ކަމަށެވެ. ނަމެއްގައި އެމްޑީޕީގެ ރައީސުލްޖުމްހުރިއްޔާއެއް ހުރުމަށްވުރެއް އަދި މިހާރު ސަރުކާރުގައި އެމްޑީޕީއަށް 40 އިންސައްތަ އޮތްއިރު އެއަށްވުރެއް ބޮޑު އިންސައްތައަކާއެކު އެމްޑީޕީއަށް ސަރުކާރަށް އާދެވި، އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް ދަމަހައްޓާ ސަރުކާރެއް އުފެއްދުން މުހިންމު ކަމަށް ވިދާޅުވިއެވެ.

"ކިހިނެތްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއް ގޮތުގައި ހުންނަވާފައި، އެމްޑީޕީގެ ރަނިން މޭޓަކާއި އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސް ބުނެވޭނެ، އަޅުގަނޑުމެންގެ މަޝްވަރާ އާއި ލަފާ ދެވޭނެ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބުން." ތުރުކުރައްވައިގެން ހުންނެވި ރަތް ކުލައިގެ ޓައީއަށް އިޝާރާތްކުރައްވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް މިފަދައިން ވާހަކަދައްކަވާފައިވާއިރު، މިއަދުގެ ޖަލްސާގައި މެންބަރު ހުސައިން ޝަހީމް ކުރިމަތިކުރެއްވި ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވީ މިހާރު އޮތް ސަރުކާރުގައި އެމްޑީޕީއަށް އޮތީ 40 އިންސައްތަ ކަމަށެވެ. އެހެންކަމުން އެއަށްވުރެއް އިތުރަށް އެމްޑީޕީއަށް ލިބޭކަމަށްވާނަމަ އެއީ އެޕާޓީއަށް ރަނގަޅު ގޮތަކަށް ވާނެ ކަމަށެވެ.

ހަސަން މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ގުޅިގެން ރިޔާސީ އިންތިހާބަށް މަސައްކަތްކުރާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.