Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ގަން އެއާޕޯޓް މުވައްޒަފުންގެ މުސާރަ ބޭންކުން އުނިކޮށްފި

އެއާޕޯޓްގެ ޓާމިނަލްގެ ބޭރުގައި ދެ މުވައްޒަފަކު މަޑުކޮށްލައިގެން. ފޮޓޯ/ އައްޑު ލައިވް

ގަން އިންޓަނޭޝަނަލް އެއާޕޯޓް މުވައްޒަފުންގެ ޖޫން މަހުގެ މުސާރަ ބޭންކަށް ޖަމާކުރި ފަހުން އޭގެ އެއްދުވަސް ފަހުން ބައެއް މީހުންގެ އެކައުންޓްތަކުން ފައިސާ އުނިކޮށްފިއެވެ.

"އައްޑޫލައިވް"އާއި ވާހަކަ ދެއްކި އެއާޕޯޓް މުވައްޒަފަކު ބުނީ މުސާރަ ޖަމާކުރި ފަހުން އޭގެ ދެ ދުވަސް ފަހުން އޭނާގެ އެކަންޓުގައިވާ ފައިސާގެ ތެރެއިން ބައެއް އުނިކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރީ އެއާޕޯޓްސްއިން މުސާރަ ޖަމާކުރުމުގައި އޮޅުންތަކެއް ހުރެގެން ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓްސް ކުންފުނީގެ ޖޫން މަހުގެ މުސާރަ ޝީޓްގައި ބައެއް މުވައްޒަފުންނަށް މުސާރަ ހިމެނިފައިވަނީ އިތުރަށެވެ. އަދި އެކަން ކުންފުންޏަށް އެނގިފައިވަނީ ބޭންކަށް ޖަމާކުރި ފަހުންނެވެ.

"މައްސަލައަކީ އަހަރެމެންގެ އެކަންއުންޓްގައި ހުރި ފައިސާ ބޭންކުން އަހަރެމެންނަށް ނާންގާ އުނިކުރުން. އެއީ ބެންކަށް ކުރެވޭނެ ކަމެއް ނޫން، އަހަރެމެންގެ އިއްތިރާޒެއް ނެތި އެގޮތަށް އެކަން ކުރުން"

މުވައްޒަފު ބުނީ އޭނާ އެކަމާއި ބޭންކަށް ގުޅުމުން ޖަވާބު ދިނީ ސިޓީއަކުން ހުށަހަޅަން ކަމަށެވެ. އަދި ފައިސާ އުނިކުރީ އެއާޕޯޓްސް ކުންފުނިން އެދިގެން ކަމަށެވެ.

"މީ ބެންކުން ވަންނަން ޖެހޭ މައްސަލައެއް ނޫން. ފައިސާ ޖަމާކުރިފަހުން އޭގެ ދެ ދުވަސް ފަހުން ފައިސާ އުނިކުރީ. މީ އަހަރެމެންގެ ކުންފުންޏާއި އަހަރެމެންނާއި ދެމެދު އޮތް މައްސަލައެއް، ބޭންކުގައި ޖަމާވެފައިވާ ފައިސާއަށް ކަމެއް ކުރެވޭނީ އަހަރެމެންގެ ހުއްދަ ލިބިގެން"

މިހާދިސާ އާއި ގުޅިގެން ބޭންކާއި، އެއާޕޯޓްސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެއާޕޯޓްގެ އެހެން މުވައްޒަފަކު ބުނީ މުސާރައިގެ މައްސަލަ ގިނަ މުވައްޒަފުންނަށް ކުރިމަތި ވެފައިވާ ކަމަށެވެ.

މީގެ ދެއަހަރު ކުރިން އެއާޕޯޓް މުވައްޒަފުންގެ އަތުން އުނިކުރި ފައިސާ އަދިވެސް މުވައްްޒަފުންނަށް ދީފައި ނުވެއެވެ. މިކަމާއި މުވައްޒަފުން މަސައްކަތް ކޮށްކޮށް އަލި މަގެއް އަދިވެސް ފެނިފައި ނުވެއެވެ.