Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ފޭސް ދޭއްގެ ވަގުތީ މާރުކޭޓުން ގޮޅި ދޫކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ސަރަހައްދު / ފޮޓޯ: އައްޑޫލައިވް

ރޯދަމާހާ ދިމާކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ޤާއިމްކޮށް ގޮޅިތައް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއިއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މި މާރުކޭޓު ޤާއިމް ކުރާނީ ހިޔާ ސަރަހައްދުގައި ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މާލެ ސިޓީ ކައުންސިލުން ގޮޅި ދޫކުރަން ހުޅުވާލިއިރު ދޫކުރަނީ ކިތައް ގޮޅި ކަމެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ވަގުތީ މާރުކޭޓުގައި ގޮޅި ހިންގުމުގެ ފުރުސަތު ދެނީ 50 ދުވަހަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މި ގޮޅިތައް ހިންގުމުގެ އުސޫލުވެސް އިއުލާނާއިއެކު ވަނީ އާންމުކޮށްފައެވެ. މިގޮތުން 18 އަހަރުން މަތީގެ ހުޅުމާލޭ ކޮންމެ ރަށްވެއްސަކަށް ނުވަތަ ހުޅުމާލޭގައި ދިރިއުޅޭ ފަރާތަކަށް ގޮޅި ހިންގުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ގޮޅި ކުއްޔަށްދީ އެހެން ފަރާތަކާއި ހަވާލުކޮށްގެން ގޮޅި ހިންގުމާއި އަދި ބީދޭސީއަކާިއި ހަވާލުކޮށް ގޮޅީގެ އެއްވެސް މަސައްކަތެއް ކުރުމަކީ މިއުސޫލުގެ ދަށުން މަނާ ކަމެކެވެ.

މި ގޮޅިތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ 11 މާރިޗު 2023 އެވެ. މި ގޮޅިތަކަށް ކުރިމަތިލާން ބޭނުން ފަރާތްތަކަށް އަމީން އެވަނިއުގެ ފުރަތަމަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ މަލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ސެކްޝަނުން ފޯމު ލިބިވަޑައިގަންނަވާނެއެވެ.