Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޤާސިމްގެ އެޑްވައިޒަރު އިލްހާމް، ނަޝީދާ ބައްދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު، ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

އިލްހާމް ރައީސް ނަޝީދާ މިއަދު ބައްދަލުކުރައްވާފައިވަނީ ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، މެންބަރު ހަސަން ލަތީފް އަދި މެންބަރު އިލްޔާސް ލަބީބް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން އެކުގައި ނަންގަވާފައިވާ ފޮޓޮއެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމެއްގެ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ހަސަން ލަތީފް ވަނީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންމޭޓެއް އެކުގައި އިންތިހާބުގައި ވާދަކުރަން ކިހިނެއްވާނެތޯ ސުވާލު އުފައްދަވާ ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ މިހާރު އޮތް ސަރުކާރުގައި އެމްޑީޕީއަށް އޮތީ 40 އިންސައްތަ ކަމަށާއި، އެއަށްވުރެއް އިތުރަށް އެމްޑީޕީއަށް ލިބޭކަމަށްވާނަމަ އެއީ އެޕާޓީއަށް ރަނގަޅު ގޮތަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ގުޅިގެން ރިޔާސީ އިންތިހާބަށް މަސައްކަތްކުރާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.