ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ނިމާލުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައިގައި ކަމަށެވެ.
ކ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮތުގައި ހުންނެވި ނިމާލުގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ޕީޖީން ހުށަހެޅިއިރު އޭނާގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
ދައުވާކުރާ ސަބަބެއްގެ ގޮތުން ޕީޖީން ބުނެފައިވަނީ، 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް މުހައްމަދު ނިމާލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، އަދި މިންހާޖު ވަހީދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރ ގެ މަޤާމުގައިހުރެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ، ޕްލާންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މުދާ ގަތުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވަރކުރުމަށް ކަނޑައަޅާ މުއްދަތު ފާއިތުވާ ފަހުން މުދާ ޑެލިވަރކޮށްފިނަމަ، ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަންވާނެކަމަށް ބަޔާންކޮށްފައިވަނިކޮށް، އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައިނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައިނުވަނީ މި ދެމީހުންގެ އަމަލުތަކުގެ ސަބަބުންކަމުގައިވާތީ ކަމަށެވެ.
މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ނަމަވެސް، އެ ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީއާއި ދައުވާކުރުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ އެ ދެމީހުންގެ ބައި އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.