ރާއްޖޭގައި ހޮންޑާ ސައިކަލު މާކެޓު އޮތް ގޮތުގެ ދިރާސާއެއް ހެދުމަށް ހޮންޑާ ކުންފުނީގެ ޓީމެއް ރާއްޖޭގައި މަސައްކަތް ފަށައިފިއެވެ.
ހޮންޑާ ކުންފުނީގެ ފަރާތުން ރާއްޖޭގައި މާކެޓް ސާވޭއެއް ހެދުމަށް އައިސްފައިވަނީ ގާތްގަނޑަކަށް ހާފްތާއެއް ހާ ދުވަހުގެ މުއްދަތަށެވެ. މިމަހުގެ 25 އިން ފެށިގެން ޓީމުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކޮށް މޭކެޓް ސާވޭ ކުރިއަށް ގެންދާނެއެވެ. ހޮންޑާގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރ ޝީޝާއާއި ކުންފުނީގެ ޓީމަކާއި ހޮންޑާ ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޮންޑާ ޓީމުގެ މި ދަތުރާއި ގުޅޭގޮތުން އައްޑޫސިޓީއަށް ވަޑައިގެން އެޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން ހޮންޑާ ކުންފުނީގެ ސޭލްސް ޑިވިޝަންގެ އެސިސްޓެންޓް މެނޭޖަރު ހިރޮނޮރީ ކިޖިމާ ވިދާޅުވީ، މިވަގުތު ހުޅުމާލޭ ތަރައްޤީގެ މަޝްރޫޢު ކުރިއަށް ދިއުމާއި އަދި ދިވެހިންގެ ބަދަލުވަމުން އަންނަ ދިރިއުޅުމުގެ ހާލަތަށް ބަލައި ދުއްވާ މީހުންގެ ބޭނުންތަށް ދެނެގަނެ ރާއްޖޭގެ މާކެޓުގައި ދުއްވާ ފަރާތްތަކުގެ ބޭނުން ދެނެގަތުން މި ސާވޭ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހޮންޑާ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓަރ ޝީޝާއާއި އޮތް ގުޅުން ބަދަހި ކުރުމަކީވެސް އެއް މަޤްސަދު ކަމުގައި އޭނާ ވިދާޅުވިއެވެ.

" ހޮންޑާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ މަޤްބޫލު ބްރޭންޑް. އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ޒަމާނީ އަދި އެންމެ ފެންވަރު ރަނގަޅު އުޅަނދު ކަސްޓަމަރުންނާއި ހިސާބަށް ފޯރުކޮށްދިނުން. އަދި އެގޮތުގައި އަޅުގަނޑުމެން ދެމި ތިބޭނަން " ކިޖިމާ ވިދާޅުވިއެވެ.
މި ދަތުރުގައި ޝީޝާގެ ފަރާތުން އެކުންފުނީގެ ސީއީއޯ އިބްރާޙިމް ހުޝާމް ބައިވެރިވެވަޑައިގަންނަވައެވެ. ހުޝާމް ވިދާޅުވި ގޮތުގައި ހޮންޑާ ކުންފުންޏާއި ބަލައި ރާއްޖެއަކީ ކުޑަ މާކެޓެއް ނަމަވެސް، އެކުންފުނިން ރާއްޖޭގެ މާކެޓަށްދޭ އަހަމީއްޔަތުކަން އެއްވެސް ގޮތަކަށް ކުޑައެއް ނޫނެވެ. އެގޮތުން މިދަތުރުން ވެސް އެކަން ހަމަވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މި ދަތުރާއެކު ޝީޝާ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ހޮންޑާ ކުންފުނީގެ އެހީތެރިކަން ވެސް ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެ ކަމަށެވެ.

ހޮންޑާއި ކުންފުންޏާއި އެކު 25 އަހަރު އެކުންފުނިން މަސައްކަތް ކުރަމުންދާއިރު އައްޑޫގައި ޝީޝާގެ ޙިދުމަތް އެންމެ ފުރަތަމަ ދޭން ފެށި އެއް އަތޮޅެވެ. އެކުންފުނީގެ ވިޔަފާރި އައްޑޫގައި ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކުންފުނިން ދެމުންދާ ޙިދުމަތް ގުޅިފައިވާ ރައްތަކުގައި ފުޅާ ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
" އަޅުގަނޑުމެންގެ ވިސްނުން އެބަހުރި އެ ހިސާބު ގަނޑުގައި ސާވިސް ސެންޓަރ އެއް ހެދުމުގެ. އެކަމަކު އަދި މުޅިއަކުން ރޭވިފައި ނެތް ވަކި ޑޭޓެއް. އެކަމަކު އެ ވިސްނުން އެބައިން. " ހުޝާމް ވިދާޅުވިއެވެ.
ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ރައްތަކަށް ޝީޝާ އަދި ޖަޕާނުގެ ހޮންޑާ ޓީމު ޒިޔާރަތް ކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހު ރާއްޖެ އައުމަށް ފަހު މާލޭ ސަރަހައްދުގައި ސާވޭ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، ދެވަނައަށް ޒިޔާރާތްކޮށްފައިވަނީ އައްޑޫސިޓީ އަށެވެ. އެއަށް ފަހު ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ގޮސް ދިވެހިންގެ ޙިޔާލު ހޯދުމަށް ޓީމުން މަސައްކަތް ކުރުމަށް ވަނީ ރޭވިފައެވެ.