މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމާ އެކީ އެމްޑީޕީން ކޯލިޝަން ނެހެދިޔަސް ވާނެ ގެއްލުމެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމަން ކައުންސިލްގެ ތެރޭގައި މަޝްވަރާތަކެއް ރޭ ފަށާފައި ވަނިކޮށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މަވޯޓާ މިއަދު ކުރި ޓްވީޓްތަކެެއްގައި ވިދާޅުވީ އެމްއާރްއެމާ އެކީ އެމްޑީޕީން ކޯލިޝަން ހެދުމަށް ވުރެ، އެ ޕާޓީ އަށް ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާ އެކީ ކޯލިޝަން ހެދުން މާ ރަނގަޅު ކަމަށެވެ.
އެމްއާރްއެމާއި ޖޭޕީ އަކީ މިހާރު ވެސް ސަރުކާރުގެ ކޯލިޝަން ބައިވެރިންނެވެ. އެ ކޯލިޝަންގައި ދެން ހިމެނެނީ އަދާލަތު ޕާޓީ އެވެ.
"އެމްއާރްއެމާ އެކީ ކޯލިޝަން ނެހެދިޔަސް އެމްޑީޕީ އަށް ވާނެ މާ ބޮޑު ކަމެއް ނެތް،" މަވޯޓާ ވިދާޅުވި އެވެ. "ޖޭޕީއާ އެކީ ކޯލިޝަން ހެދޭތޯ އެކަން ވާނެ ފުރުސަތެއް އޮތިއްޔާ އުޅެން ވެސް މާ ރަނގަޅު."
އޭނަ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދު ކަމަށްވާ 3،000 މެމްބަރުން ވެސް ހަމަނުވާ އެމްއާރްއެމަށް މިހާރު ވެސް ސަރުކާރުން އޮތީ އެ ޕާޓީގެ ސައިޒަށް ވުރެ މާ ބޮޑަށް ހިއްސާ ދީފަ އެވެ.
"އެމްޑީޕީއާ އެކީ ކޯލިޝަން ހަދައިގެން ފައިދާއެއް އޮތީ އެމްއާރްއެމަށް. އެމްޑީޕީއަކަށް ނޫން." މަވޯޓާ ވިދާޅުވި އެވެ.
MRM ah vuren @AdhaalathOffice ves @SecretariatMDA ves maa bodu. Hageegathuga MRM aa eku coalition eh nehedhiyas MDP ah vaane maa bodu kameh nei. @JPSecretariat aa eku coalition hedheytho ekan vaane furusath othiyaa ulhen ves maa ragalhu https://t.co/32tFhWi98H
— Ibrahim Shareef (@AdduShareef) February 28 2023
ހެރިޓޭޖް މިނިސްޓަރު ދުންޔާ މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މުހައްމަދު ހަސަންގެ އިތުރުން ވެސް އެމްއާރްއެމްގެ ބޭފުޅުންތަކެއް ސަރުކާރުގެ ސިޔާސީ އެކި މަގާމުތަކުގައި އެބަތިއްބެވެ.
އަޑުތައް އަރާފައިވާ ގޮތުގައި އެމްއާރްއެމްގެ ކައުންސިލްގެ ތެރޭގައި ބޮޑަށް މަޝްވަރާކުރެވުނީ މި ފަހަރު އެމްޑީޕީއާ އެކީ ކޯލިޝަން ނެހެދުމަށެވެ. އެކަމަކު އެ ޕާޓީގެ ރައީސް މައުމޫނާއި ރައީސް ސޯލިހު ވަކިމް ބައްދަލުކުރަން ރައީސް ދައުވަތު ދެއްވާފައިވާތީ ގޮތެއް ނިންމާނީ އެއަށް ފަހު އެވެ. މައުމޫން މި ވަގުތު ރާއްޖެއަކު ނެތެވެ.
މިހާރު އަޑުއަރާފައިވާ ގޮތުން ޖުމްހޫރީ ޕާޓީން ރީޔާސީ އިންތިހާބަށް ނުކުންނަން ނިންމައި، ރަނިންމޭޓްގެ ފުރުސަތު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން މިހާރު އަންނަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ.
އަދާލަތުން މި ފަހަރު ވެސް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމާފައިވާ އިރު، އަހުމަދު ސިޔާސަމް (ސަން ސިޔާމު) ގެ އެމްޑީއޭއިން ވެސް ވަނީ އެ ޕާޓީއާ އެކީ ކޯލިޝަން ހަދަން ނިންމައިފަ އެވެ.