Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

އެންމެ މޮޅު ރައްދަކީ ހިމޭންކަން: ދީޕިކާ

އަމާޒުވާ ފާޑުކިޔުންތަކަށް ދެވޭނެ އެންމެ މޮޅު ރައްދަކީ އެއިން ކަމަކާ އަޅާ ވެސް ނުލައި ހިމޭނުން ތިބުން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.

މިދިޔަ މަހު ރިލީޒްކުރި ފިލްމު "ޕަތާން" ގެ ލަވަ "ބޭޝަރަމް ރަންގު" ގައި މާ ބޮޑަށް ނިވާކަން ކުޑަކޮށް ހެދުން އެޅުމުގެ އިތުރަށް އިންޑިއާގައި ގައުމީ ދިދައިގައި ހިމެނޭ ސެފްރޯން ކުލައިގެ ނިވާކަން ކުޑަހެދުމަކާ އެކީ ޝާހްރުކް ޚާނާ އެކީ ގައިގޯޅި މަންޒަރެއް ވެސް ދައްކުވައިދޭތީ ދީޕިކާ އަށް ވަރަށް، ބޮޑަށް ފާޑުކިޔުން އަމާޒުވެ، ފިލްމާ ދެކޮޅަށް ބޮއިކޮޓް އެތައް ކެމްޕޭން ވެސް ހިންގި އެވެ.

އަދި އެކަމާ ހެދި "ޕަތާން" އަޅުވާ ސިނަމާތަކުގައި ރޯކުރާނެކަމުގެ އިންޒާރު ވެސް އިންޑިއާގެ ހަރުކަށި ހިންދީ ބައެއް ޖަމާއަތްތަކަށް ނިސްބަތްވާ މީހުން، ފިލްމު ރޮިލީޒްކުރުމުގެ ކުދިން ދިނެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކަށް "ޕަތާން" ގެ ޓީމުން އެއްވެސް ރައްދެއް ނުވެ އެވެ. ފިލްމުގެ މުޅި ޓީމް އޮތީ އެއްވެސް ވާހަކައެއް ނުދައްކައި ހިމެނޭނުންނެވެ.

އެކަމާ ބެހޭ ގޮތުން އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބުނީ އޭނަ އަކީ ބަޔަކު ކިޔާހާ ފާޑުކިޔުންތަކާއި ދޭހާ އިންޒާރުތަކަށް ސަމާލުކަންދޭ މީހެއް ނޫން ކަމަށެވެ. އަދި އުޅެ ބޮޑުވީ ވެސް ކަންކަމާ ރައްދު ދީ، އަރާރުންތަކާއި ޒުވާބުތައް ނެތް އާއިލާއަކަށް ކަމަށް ކަމަށެވެ.

އަދި "ޕަތާން" އާ ދެކޮޅަށް ހިންގި އެތައް ހަރަކާތަކާ ބެހޭ ގޮތުން ޝާހްރުކް ވެސް ހިމޭނުން ހުރުމަކީ އޭނަގެ މިޒާޖުގައި ވެސް ރައްދު ދިނުމުގެ ރޫހު ނެތުން ކަމަށް ދީޕިކާ ބުންޏެވެ.

"އަހަރެމެން އުޅެ ބޮޑުވީ އެކަހަލަ މާހައުލެއްގައެއް ނޫން. އަހަރެންގެ އާއިލާ އަކީ ވަރަށް ކެތްތެރި، ހިމޭންކަމަށް ލޯބިކުރާ އާއިލާއެއް. އެހެންވެ ދަސްވެފައި ހުރީ ވެސް އެކަހަލަ މިޒާޖެއް." ދީޕިކާ ބުންޏެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން "ޕަތާން" އާ ދެކޮޅަށް ކިތަންމެ ހަރަކާތެއް ހިންގި ނަމަވެސް ފިލްމު ރިލީޒްވުމާ އެކީ މުޅި އިންޑިއާ އެ ފިލްމުގައި ޖާދޫގައި ޖެހުނެވެ. އަދި އެ ޖާދޫ އަދިވެސް ކުޑަނުވާ އިރު، ފިލްމުވީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހެދި ވަރަށް ކާމިޔާބު ފިލްމަށެވެ.

"ޕަތާން" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ.