Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެމްއޭސީއެލްގެ ބީލަން އޮންލައިންކޮށް ބަލައިގަންނަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބީލަމުގެ މަރުހަލާ އޮންލައިންކޮށް ‘ޓެންޑަރ ޕޯޓަލް’ ތައާރަފް ކުރަން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބީލަމުގެ މަރުހަލާ އޮންލައިން ކުރުމާއި އެކު އެކުންފުނިން ހުޅުވާލާ ބީލަންތައް އޮންލައިންކޮށް ހުށަހަޅައި، ބީލަން މައުލޫމާތު ސާފުކޮށް، އަދި ކޯޓޭޝަންއަށް އެދިލެވޭނެއެވެ. މި ޕޯޓަލް ބޭނުން ކުރަން ފަށަނީ މި މާރިޗު މަހު 5 ވަނަ ދުވަހުއެވެ.

އެމްއޭސީއެލްއިން ބުނީ މި ޕޯޓަލްގެ ސަބަބުން އެމްއޭސީއެލްގެ ބީލަމުގެ ހުރިހާ މަރުހަލާއެއްގައި ހުށަހަޅާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެވި، އާންމުކޮށް ހުށަހަޅާ ފަރާތްތައް އެއް ތަނަކަށް ގެނެވޭ ކަމަށެވެ. އަދި މީގެ ސަބަބުން މުޅި މަރުހަލާގެ ހާމަކަން ބޮޑުވެ، އިތުބާރު ހިފެހެއްޓޭ ކަމަށެވެ. މީގެ އިތުރުން ހުށަހަޅާ އިރުން ލިޔެ ކިއުމުގެ ކުށް މަދު ކުރެވި، އަވަސް ޕްރޮކިއުމެންޓް ނިޒާމެއް ޤާއިމް ކުރެވޭ ކަމަށެވެ.

މި ޕޯޓަލްގައި ވެންޑަރ އެއްގެ ގޮތުގައި އެމްއޭސީއެލް ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ. އޭގެ ފަހުން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމާއި، ކުރީގެ ބީލަންތައް ބެލޭނެއެވެ.

މިއީ އެމްއޭސީއެލްގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިއީ އެމްއޭސީއެލްގެ ޚިދުމަތް ހާމަކަން ބޮޑުގޮތެއްގައި ފޯރުކޮށްދިނުމަށް އެކުންފުނިން ކުރާ މަސައްކަތަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.