Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

"704 ފްލެޓް ހުޅުމާލެއަށް ބަދަލުކުރުމަކީ ދެކުނު ރައްޔިތުންނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް"

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް. ފޮޓޯ: ހަވީރު

ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހިގެ ދަށުން ދެކުނުގެ 4 އަތޮޅުގައި އެޅުމަށް ނިންމާފައިވާ 1500 ހައުސިން ޔުނިޓްގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ދެކުނުގެ އަތޮޅުތަކާއި ރައްޔިތުންނާ ދެކޮޅަށް ހިންގޭ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ދެކުނުގެ ހަތަރު އަތޮޅަށް ބޭނުންވާ ވަރަށް ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ފަހު ބާކީވާ ޔުނިޓްތައް ހުޅުމާލެއަށް ބަދަލުކުރުމުގެ ހުއްދައަށް އެދި ސަރުކާރުން ހުށަހެޅި މައްސަލަ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ގެދޮރު ނެތިފައި ތިބި އެތައް ޒުވާނުންނެއް އައްޑޫގައި އެބަތިބި ކަމަށެވެ. އަދި މިގޮތަށް ސަރުކާރުން ނިންމެވުމަކީ ވަރަށް ބޮޑު ޖަރީމާއެއްކަމަށެވެ.

ޕީޕީއެމްގެ އައްލަބިއްޔަތު އޮތް ކޮމެޓީގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)ވެސް ހުންނަވައެވެ. ޝަރީފް ވިދާޅުވީ މާލެއަށް މީހުން ތޮއްޖެހުމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތައް ނުކުންނަމުންދާއިރު، ރާއްޖޭގެ އެހެން ސަރަހައްދުތައްވެސް ތަރައްގީ ކުރެވޭނީ ތަންތަނަށް އިންވެސްޓްކޮށްގެން ކަމަށެވެ.

އަދި މައްސަލަ ދިރާސާކުރައްވަން ސަރުކާރުން ފޮނުއްވި އިރު ހައުސިން "ނީޑްސްތައް" އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހުޅުމާލެއަށް ކަމަށް ފާހަނގަ ކުރެއްވި އިރު ފޭދޫ، މަރަދޫފޭދޫގެ ރައްޔިތުން އުޅެމުންދާ ގޮތް ސަރުކާރުން ނުބެލުނު ކަމީ ހިތާމަ ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ވިދާޅުވީ ލޯނެއް ނަގައިގެން މަޝްރޫއެއް ހިންގާ އިރު އެ ލޯނެއްގެ އަގު ލިބޭނެ ގޮތެއް އޮންނަން ވާނެ ކަމަށާއި އައްޑޫގައި ފްލެޓް އެޅުމަށް ފަހު ހުޅުމާލޭގައި އާބާދީ ބޮޑު ތަނެއްގައި ފްލެޓްތައް އަޅައިގެން ލޯނު އަގު ހޯދުމަށް ފަސޭހަ ވާނެ ކަމަށެވެ. ނަމަވެސް މިއަދު ބައްދަލުވުން ނިންމާލީ ވަކިގޮތެއް ކަނޑަނޭޅިއެވެ.

ޗައިނާ ސަރުކާރުގެ ލޯން އެހީގެ ދަށުން ހިތަދޫގައި 264 ފްލެޓް އިމާރާތް ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފަިއވާ ކަމަށް ހައުސިން މިނިސްޓްރީއިން މިހަފްތާ ތެރޭ ވަނީ ބުނެފައެވެ. އަދި 48 ފްލެޓް ހުޅުމީދޫގައި އެޅުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.