Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ގަތަރު އެއާވޭސްގެ އެމްބެސެޑަރަކަށް ދީޕިކާ

ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަތަރު އެއާވޭސްގެ އެމްބެސެޑެރަކަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން ހަމަޖައްސައިފި އެވެ.

މި ވާހަކަ އެ އެއާލައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އިތުރުން ދީޕިކާގެ ސޯޝަލް މީޑިއާގައި ވެސް ވީޑިއޯއަކާ އެކީ ހިއްސާކޮށްފައިވެ އެވެ. ގަތަރު އެއާވޭސްގެ ގްލޯބަލް އެމްބެސެޑަރުގެ މަގާމު ލިބުމާ ގުޅިގެން އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބުނީ މިއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ދީޕިކާ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރޭގައި ބައިނަލްއަގުވާމީ މައިދާނުގައި މިހާރު ވަރަށް ފާހަގަކޮށްލެވޭ އަދި އިންޓަނޭޝަނަލް އެކި ބްރޭންޑްތައް ޕްރޮމޯޓްކުރަން ފުރުސަތުތައް ފަހިވަމުން އަންނަ ވަރަށް ކާމިޔާބު އަދި އެހާމެ ނުފޫޒު ގަދަ ބަތަލާއެކެވެ. ދީޕިކާ އަކީ ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް، ލުއީ ވިޓޯންގެ އެމްބެސެޑަރެއްގެ އިތުރުން އެތައް ބްރޭންޑެއް އެންޑޯޒްކޮށްދޭ ބަތަލާއެކެވެ.

މިދިޔަ އަހަރު ބޭއްވި ވޯލްޑްގެ ފައިނަލް މެޗްގައި މުބާރާތުގެ ޓްރޮފީ ދައްކައިލަން ލިބުނު ފުރުސަތާ އެކީ ވެސް ދީޕިކާ ވަނީ އިންޑިއާގެ ނަން ވިދުވައިފަ އެވެ.

ދީޕިކާ، 37، ގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ޕަތާން" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ފައިޓާ" އާއި "ޕްރޮޖެކްޓް ކޭ" އަދި "ސިންގަމް އެގެއިން" ހިމެނެ އެވެ.