ދެ ރައީސުން ތިބި ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
ތޯރިގް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ 2018 ވަނަ އަހަރު އިންތިހާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، 2018 ވަނަ އަހަރު އިންތިހާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމާ ހަވާލުވެވަޑައގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުން ބޮޅުމަށް ސަާފު ހައްލެއް ހޯދައިދިނުމަށް ގޮވައިލާ ކަމަށެވެ.
ގަރާރުގައި ބުނެފައިވަނީ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިޔަތު އަދާކުރުމަށް އުޒުރުވެރިވާ ހާލަތުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ހާލަތުގައި ހަވާލުވުމަށް ހުވައެއް ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި ނެތްކަމަށާއި، އޮންނަނީ ލިޔުމަކުން މަޖިލީހުގެ ރައީސަށް އެކަން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ޒިންމާތަކާ ހަވާލުކުރުން ކަމަށެވެ.
ނައިބު ރައިސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެގެންކަމަށް ބަލަންޖެހޭ ކަމަށާއި، މިހާރު ރައީސުލްޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމުކަމަށް ދުސްތޫރީ ގޮތުން ބަލަންޖެހޭކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި ރައީސް ސޯލިހް ފަހުން ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެންފައިވާތީ އެކަމުގެ ސަބަބުން މިހާރު އުފެދިފައިވަނީ ދުސްތޫރީ އޮޅުންބޮޅުންގަނޑެއްކަމަށެވެ.
ދެ ރައީސުން ތިބި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އިދިކޮޅުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ.