އައްޑޫސިޓީގެ އެއާޕޯޓް ހޮޅި އެއާޕޯޓަކަށް ބަދަލުވެފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އަހުމަދު ރަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް އެދި އޭނާ ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަހުމަދު ރަޝީދު ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫސިޓީން އިނގިރޭސިން ފައިބައިގެންދިޔައިރު އައްޑޫއަކީ ފައްކާވެފައިއޮތް ރަނގަޅު އެސެޓެއް ކަމަށެވެ. ގައުމެއް ތަރައްގީ ކުރުމަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް އައްޑޫގައި ގާއިމު ކޮށްފައި ހުރިކަމަށް ވިދާޅުވިއެވެ.
މެންބަރު އަހުމަދު ރަޝީދު ވިދާޅުވި އައްޑޫގެ އެއާޕޯޓް ހިންގޭނެގޮތެއް މިއަދުވެސް ނެތް ކަމަށެވެ. އައްޑޫ އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށް ހުރިހާ ސަރުކާރުތަކުންވެސް ބުނާ ކަމަށާއި އެހެންނަމަވެސް އަދިވެސް އެކަން ނުވާކަމަށް ވިދާޅުވިއެވެ. މިސަރުކާރުވެސް ނިމުމަކަށް ދާއިރު އަދިވެސް އައްޑޫ އެއާޕޯޓްގައި އެއްވެސް މަސައްކަތެއް ނުކުރެވޭކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއައީ އެހަކަށްދުވަހުވެސް އައްޑޫއަށް ގޮސްފަ، ދިޔައިރު އެއާޕޯޓްގައި ހޮޅިޖަހާފައި ހުރީ. އެހެންމަ އައްޑޫބަހުން ބުނާނަމަ ހޮޅި އެއާޕޯޓަކަށް ބަދަލުވެގެން އެދަނީ." އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓްގައި މާގިނަ ވަސީލަތްތަކެއްވެސް ނެތް ކަމަށާއި ފްލައި ދުބާއީގެ ދަތުރުތައްވެސް އައްޑޫއަށް ފަށާނެ ކަމަށްބުނެ އަދިވެސް އެކަން ވެފައިނުވާ ކަމަށެވެ.
އައްޑޫސިޓީގެ އެއާޕޯޓާއި ސީޕޯޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ޕްރައިވަޓައިޒް ކުރުމަށް މުހިންމު ވަނީ އެ ދެތަން އޮތް ހާލަތަށްބަލާ އިތުރަށް ތަރައްގީ ކޮށްގެންނޫނީ ނުހިންގޭނެތީ ކަމަށް ވެސް ވިދާޅުވިއެވެ.
އަހުމަދު ރަޝީދުގެ ގަރާރުގައި ބުނެފައިވަނި، މިއީ ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށޫން އައްޑު އެއާޕޯޓާއި އައްޑު ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކޮށް، އައްޑޫ ސަރަހައްދަށް އައްޑޫ ރައްޔިތުންނަށް އަދި ސަރުކާރުން ގެންނަވަން ތަސައްވަރު ކުރައްވާ ތަރައްގީ ގެނެސްދިނުމަށްއެދި ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގަނައުމަށް ހުށަހަޅާ ކަމަށެވެ.