ސަލްމާން ޚާނާ އެކީ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ "ޑާންސިން ޑޭޑް" ގެ ނަމުގައި ހަދަން އުޅުނު ފިލްމު މިހާރު އަބީޝެކް ބައްޗަނާ އެކީ ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ރެމޯގެ ފިލްމުގައި ސަލްމާން މަސައްކަތްކުރަން ފަހުން ބޭނުން އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމު ކަމަށްވާ 2018 ގެ "ރޭސް 3" ފްލޮޕްވުމާ ގުޅިގެންނެވެ. އެއީ ކްރިޓިކުންނާއި ބެލުންތެރިންގެ ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ފިލްމެކެވެ.
ސަބަބަކީ އައްބާސް-މަސްތާން ސަސްޕެންސް ތުރިލާގެ ގޮތުގައި ގެނެސްދިން "ރޭސް" ގެ ކުރީ ދެ ފިލްމަކީ ވަރަށް ޝައުގުވެރި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ނަމަވެސް "ރޭސް 3" އަކީ ވަރަށް ކަމުނުދާ ފިލްމަކަށްވުމެވެ.
ޕިންކްވިލާ އިން ބުނީ 2017 ގައި ސަލްމާނާ އެކީ ރެމޯ ހަދަން ޕްލޭންކުރި "ޑާންސިން ޑޭޑް" ގެ ޝޫޓިން މި މަހުގެ ތެރޭގައި އަބީޝެކާ އެކީ ފަށާނެ ކަމަށެވެ. މި ފިލްމު ވާނީ ރެމޯއާ އެކީ އަމީތާބް ބައްޗަންގެ ދަރިފުޅު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ސަލްމާން ދޫކޮށްލި ފިލްމެއް އަބީޝެކް ކުޅޭ އިރު، އޭނަ އަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އައިޝްވާރިއާ ރާއީގެ ފިރިމީހާކަމެވެ.
މީޑިއާތަކުން ބުނި ގޮތުގައި ދެ ބަތަލާއިން ހިމެނޭ "ޑާންސިން ޑޭޑް" އަކީ ސްޓްރީމިން ޕްލެޓްފޯމަކަށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
ރެމޯ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ވަރޫން ދަވަނާއި ޝްރަދާ ކަޕޫރްގެ 2020 ގެ "ސްޓްރީޑް ޑާންސާ" އެވެ.