ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމަށް ގާސިމް ރައީސް އޮފީހަށް ވަޑައިގެންނެވީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ނަމަވެސް ބައްދަލުވުމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ރައީސްގެ ފަރާތުން އެމްޑީޕީގެ ވަފުދެއް ވެސް ގާސިމާ ބައްދަލުކޮށްފައިވެ އެވެ.
ރައީސް ދާދި ފަހުން ވަނީ ކޯލިޝަން ހެދުމަށް ދައުވަތު ދީ ސިޔާސީ ޕާޓީތަކަށް މިދިޔަ މަހުގެ ތެރޭގައި ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. ޖޭޕީ އަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ. ނަމަވެސް އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ގޮވާލައި މި ހަފުތާގެ ކުރީކޮޅު ބޭއްވި ގައުމީ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. އަދި އެ ގަރާރު ފާސްކޮށްފައިވެ އެވެ.
ނަމަވެސް އަދި ޖޭޕީން އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނުނިންމަ އެވެ. ނަމަވެސް އަޑުތައް އަރާފައިވާ ގޮތުން އެ ޕާޓީން އިންތިހާބުގައި ވާދަކުރާނެ އެވެ. އަދި ކެންޑިޑޭޓަކީ ގާސިމެވެ. އަޑުތައް އަރާފައިވާ ގޮތުން ގާސިމްގެ ރަނިންމޭޓަކަށްވުމުގެ ފުރުސަތު އެމްޑީޕީގެ ރައީސް މުހަމައްދު ނަޝީދަށް ދޭން މިހާރު އަންނަނީ މަޝްވަރާތަކެއް ވެސް ކުރެވެމުންނެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސާ ވާދަކުރައްވައި ބަލިވެވަޑައުގަތުމުން ރައީސަށް އިންތިހާބުގައި ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ސަޕޯޓަރުންނާ އެކީ "ފިކުރެއްގެ ދިރުން ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ވެސް ފައްޓަވާފައިވެ އެވެ.
އެމްޑީޕީއާ އެކު މި ފަހަރު ކޯލިޝަން ހަދަން މިހާތަނަށް ރަސްމީކޮށް ނިންމި ޕާޓީތަކަކީ މިހާރު ވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އެވެ.