އައްޑޫ ސިޓީ ކައުންސިލުން "އަމިއްލަ"އަށް ތައްޔާރުކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓިކާގެ މައްސަލާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ލަފައަކަށް ފުލުހުން އެދިފައިވާ ކަމަށާއި ވަކި ގޮތަކަށް ނިމެންދެން ކައުންސިލުން ދޫކޮށްފައިވާ ސްޓިކާ ޖަހައިގެން ދުއްވިއަސް ފިޔަވަޅެއް ނާޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އަހަރީ ފީގެ މައްސަލާގައި ވަރަށް ގިނަ ރައްޔިތުންގެ ކަން ބޮޑުވުން ހުރެގެން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލާއިގެ މަޝްވަރާތައް ކުރުމަށް ފުލުހުން ޓްރާންސްޕޯޓް އޮތޯރިޓީގެ ލަފައަކަށް އެދިފައިވާ ކަމަށެވެ.
ޝިފާން ކުރިން ވިދާޅުވީ ފުލުހުން އަމަލް ކުރަމުންދާނީ އެއްގަމު ދަތުރު ފަތުރާއި ބެހޭ ގާނޫނަށް ކަމަށެވެ. އެގޮތުން ފުލުހުން ބަަލައިގަންނާނީ ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ ސްޓިކާ އެކަނިކަމަށެވެ.
ޝިފާން ވިދާޅުވީ މިކަމުގައި "ދެވަނަ ވިސްނުމަކަށް" ދާން ޖެހިފައިވާ ކަމަށާއި އެހެންވެ މީރާއާއި، ކައުންސިލް އަދި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުން އެކުގައި މަޝްވަރާ އަށް ތައްޔާރުވެފައިވާ ކަމަށެވެ.
އަދި ބައްދަލުވުމުގެ ނަތީޖާ ނިކުންނަންދެން އެއްވެސް ފަރާތެއް ޖުރިމަނާ ނުކުރާނެކަމަށެވެ.
ކައުންސިލުން ދޫކޮށްފައިވާ އަހަރީ ފީ ސްޓިކާ ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ބަލައި ނުގަންނާނެކަން މިރާއިން ބުނުމާއި ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުން ތިބީ ބޮޑު ނުތަނަވަސް ކަންމަތީގައެވެ.
"އައްޑޫލައިވް"އާއި ވާހަކަ ދެއްކި އާއްމު ރައްޔިތަކު ބުނީ އަހަރީ ފީ ސްޓިކާގެ މައްސަލައިގައި ރައްޔިތު މީހާ ޖުރިމަނާ ކުރެވޭނެ އެއްވެސް އުސޫލެެއް އޮތް ކަމަކަށް ގަބޫލް ނުކުރެވޭ ކަމަށެވެ. އޭނާ ބުނީ ސަރުކާރުގެ ރަސްމީ އިދާރާއަކުން ފައިސާ ބަލައިގަތް ކަމަށް ލިއުންދީ އަދި ދޫކުރާ ސްޓިކާއަކީ ސައްހަ ސްޓިކާއެއް ކަމަށެވެ. އެކަމުގައި ރައްޔިތު މީހާގެ ކުށެއް ނެތްކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލާއި މީރާ އާއި ދެމެދު އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުން ތިބީ ވާނުވާއެއްގެ ތެރޭގައެވެ.