ރާއްޖޭގެ ރައީސްގެ މަގާމަށް ވަޑައިގެންނެވުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރަން ގޮވާލައި ސަޕޯޓަރުންތަކެއް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ހިންގަމުން ދަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ސޯޝަމް މޯ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެރިކަމަކީ ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
އޭނަ ވިދާޅުވީ ހަޔާތުގެ ވަރަށް ބޮޑު ބައެއްގައި ބައްޕާފުޅު ރައީސްގެ ޒިންމާ އަދާކުރެއްވި ތަން ދެކިވަޑައިގެންނެވި ކަމަށާއި އެއީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ. ފާރިސް ވިދާޅުވި ގޮތުގައި ވެރިކަމަކީ އެތައް ލައްކަ މީހުންގެ މަސްލަހަތާއި ދުޅަހެޔޮކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ކޮނޑުގައި އެޅިފައިވާ ކަމެއް ކަމަށާއި އެއީ އިނާމެއްގެ ގޮތަށް ނުވަތަ މެޑަލްއެއް ގޮތަށް ހޯދާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"Socialmore Exclusives" Farish Maumoon – President of MRM (Maldives Reform Movement) President #SocialMore #raajje24https://t.co/gy092KzIym
— Social More (@socialmoreMV) March 1, 2023
ފާރިސްގެ ބައްޕާފުޅު މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅެކެވެ.
އޭނަ ވިދާޅުވީ ގައުމުގެ މުސްތަޤްބަލް ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެހެން ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް ފަހު ފަހަތަށް ޖެހެން ޖެހުނު ވަގުތަކުގައި ފަހަތަށް ވެސް ޖެހިވަޑައިގެންނެވީ ކަމަށް ފާރިސް ވިދާޅުވި އެވެ. ކަމަށެވެ.
"ހައްތަހާވެސް ސިޔާސީ ބޮޑެތި މީހުންގެ ނުވަތަ ފައިސާވެރިން ނުވަތަ އެހެން ވެސް މީހުންގެ މަސްލަހަތު ސަރުކާރުތަކުން ދަމަހައްޓާތަން މި ފެންނަނީ. ރައްޔިތުން އެދޭ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ވަކި ކަމެއް ކުރާނަމޭ،" އޭނާ ވިދާޅުވި އެވެ. "ވަކި ކަމެއް ނުކުރާނަމޭ ދަންނަވާކަށް ނެތިން."
ފާރިސް ވިދާޅުވި ގޮތުގައި އެމްއާރުއެމަކީ އަބަދު ވެސް ހުރިހާ ދިވެހިންގެ މަސްލަހަތު ދަމަހައްޓާނެ ޕާޓީއެކެވެ.