މޯލްޑިވިއަނުން އަނެއްކާ ވެސް އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުށްފި އެވެ.
އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ ގައުމީ އެއާލައިންގެ ޓިކެޓްގެ އަގު މި ފަހަރު ބޮޑުކުރީ އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ. ގްރައުންޑް ހޭންޑްލިން ފީ އަށް މިހާރު ނަގާ އަގުތަކަށް ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުކުރަން ރީޖަނަލް އެއާޕޯޓުން ވަނީ ނިންމައިފަ އެވެ.
މި ބަދަލާ އެކީ އެވްރެޖްކޮށް ހުރިހާ އެއާޕޯޓަކަށް ވެސް މޯލްޑިވިއަނުން ކުރާ ދަތުރުގެ އަގުން ވަނީ 70ރ. ބޮޑުވެފަ އެވެ. އަދި އަގަށް އެންމެ ބޮޑު ބަދަލެއް އައީ ކާޑެއްދު އަށް ކުރާ ދަތުރުތަކަށެވެ. އެގޮތުން 180ރ. ގެ ބޮޑުވުމާ އެކީ އެ ސަރަހައްދަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 3،385ރ. އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް މޯލްޑިވިއަންގެ ޓިކެޓްގެ އަގު ބޮޑުކުރި އެވެ. އޭރުޔ ސާޗާޖަށް ގެނައި ބަދަލާ އެކީ ފަސިންޖަރުން އަތުން ނަގާ ފިއުލް ސާޗާޖް، ކޮންމެ ކޮޅަކަށް 180ރ. ބޮޑުކޮށްފައިވެ އެވެ.
މޯލްޑިވިއަންގެ ޓިކެޓްގެ އަގު ބޮޑުކުރި އިރު، މި މަހުން ފެށިގެން އެއާލައިންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވެސް އޮތީ ނިންމައިފަ އެވެ.