Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ގަން އެއާޕޯޓް މަޝްރޫއުގައި ސޮއިކުރުން އާދީއްތަ އަށް

އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރަން ސަރުކާރުން ނިންމި އިންޑިއާގެ ކުންފުނި ރެނާޓަސްއާ އެކީ އަންނަ އާދީއްތަ ދުވަހު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރަން ނިންމައިފި އެވެ.

ގަން އެއާޕޯޓް ޕްރައިވެޓައިޒް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ގަން އެއާޕޯޓް ތަރައްގީގެ މަޝްރޫއާ ބެހޭ ތަފުސީލުތަކެއް ދެއްވައިފަ އެވެ.

އޭނަ ވިދާޅުވީ ރެނާޓަސްއާ އެ މަޝްރޫއު ހަވާލުކުރަން ނިންމީ 28.5 މިލިއަން ރުފިޔާއަށެވެ.

އަސްލަމް ވިދާޅުވީ ގަން އެއާޕޯޓަކީ މިހާރު ވެސް ޕްރައިވެޓައިޒް އުސޫލުން ހިންގަމުން އަންނަ ތަނެއް ކަމަށެވެ. އެގޮތުން އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޭއައިއޭ) އަކީ ސަރުކާރުގެ 70 ޕަސެންޓް ހިއްސާ އާއި ޗަމްޕާ ހަސަން އަފީފުގެ ކާސާ ހޯލްޑިންގްސްގެ 30 ޕަސެންޓް އޮންނަ ކުންފުންޏެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ސޮއި ކުރުމާއި ހަމައަށް އާދެވުނީ ވަރަށް ގިނަ މަސައްކަތްތަކަށް ފަހުކަމަށެވެ. އެގޮތުން ފައިސާ ހަމަޖެހިގެން އިއުލާން ކުރެވި ބިޑަށް ކުރިމަތިލީ ފަރާތްތަކުގެ ބިޑް އިވެލުއޭޓް ކުރުމަށް ފަހު ޓެކްނިކަލް އަދި ފައިނޭންޝަން އިވެލުއޭޝަންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އައްޑޫގެ ތަރައްގީ އަށް މިއަށް ވުރެ ރަނގަޅަށް ތައްޔާރުވެ އޯގަނަޒައިޒްވެގެން ޕްލޭން ކުރެވިގެން އަދި މިވީހާ ހިސާބަށް އެއްވެސް ސަރުކާރަކުން މި މަސައްކަތްކޮށްފައި ނުވެއޭ." އަސްލަމް ވިދާޅުވި އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

މި މަޝްރޫއުގެ ދަށުން ގަން އެއާޕޯޓްގައި ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.