Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މާޅޮހު ބަނދަރު މަސައްކަތް އެމްޓީސީސީއަށް

ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް، (އެމްޓީސީސީ)އަށް ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 75 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ބ. މާޅޮސް އިރުމަތި ފަރާތުގައި 50 މީޓަރުގެ 4 ގްރޮއިން، އުތުރު ފަރާތުގައި 76 މީޓަރު ގްރޮއިން އަދި 240 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ހުޅަނގު ފަރާތުގައި 290 މީޓަރު ބޮޑުހިލަ ބޭރުތޮށި، 25 ީމޓަރު ރިވެޓްމަންޓް 100 މީޓަރު ކޮންކްރީޓް ޖެޓީއާއިއެކު، ޖުމްލަ 296 މީޓަރަށް މިހާރުގެ ހާބަރު ތޮށި ބޮޑުކުރުމާއި މަރާމާތުކޮށް، ދެކުނުފަރާތުގައި 50 މީޓަރުގެ ގްރޮއިން އަދި 40 މީޓަރުގެ ބޭރުތޮށި ޤާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ ދަށުން މާޅޮހުގައި ފާހަގަކުރެވިފައިވާ ބަނދަރު ބޭނުންކުރުމަށް ކުރިމަތިވާ މައްސަލައާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރު ބޮޑުކުރުމާއި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މައުލޫމާތު ދީފައިވެއެވެ.