އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ގޯދިއްޔާ ފުޓްސަލް ކަޕް މިރޭ ފަށާނެކަމަށް މުބާރާތް އިންތިޒާމް ކުރާ ގޯދިއްޔާ ޖަމިއްޔާއިން ބުނެފިއެވެ.
އެސްޓިއޯއިން މެއިން ސްޕޮންސާ ކުރުމާއި ގުޅިގެން "އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕް 2104"ގެ ނަމުގައި ފަށާ މި މުބާރާތުގެ ހުޅުވާ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ޒެލޯން އާއި އެފްސީ ޒެފިއާއެވެ. ހުޅުވުމުގެ ރަސްމިއްޔާތާއި އެކު މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10 ޖަހާއިރުއެވެ.
މުޅިއެކު 20 ޓީމް ވާދަކުރާ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ 3 މެޗް ކޮންމެ ރެއެއްގައި ކުޅޭނެއެވެ. ނަމަވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ދެ މެޗްއެވެ. މިރޭގެ ދެވަނަ މެޗްގައި ވާދަކުރާނީ ޝަންގްރިއްލާ އާއި މަލްޓި ޖީނިއަސް ސިޓީއެވެ.
ގޯދިއްޔާ މުބާރާތުގެ މިފަހަރުގެ ކޯ ސަޕޮންސަރުންނަކީ ބެންކް އޮފް މޯލްޑިވްސް އާއި އައި ކެއާ، އަލޯރާ އަދި އުރީދޫއެވެ. މީޑިއާ ޕާޓްނާ އަކީ "އައްޑޫލައިވް"އެވެ.