ހުޅުމާލޭ ދެވަނަ ފޭސްގައި، އެޗްޑީސީން ވެސް ވަގުތީ މާރުކޭޓު ގޮޅިތައް ދޫކުރަން ނިންމައި ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިގޮތުން މި ސަރަހައްދުގައި 18 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާއިރު، 9 ގޮޅި ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަނީ ހާއްސަކޮށްފައެވެ. ބާކީ 9 ގޮޅި އާންމުކޮށް އިއުލާންކޮށްގެން ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރޯދަ މަހާއި ދިމާކޮށް ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓު ހިންގުމުގެ މަޤްސަދަކީ ރޯދަ މަހު މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެތި ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަޤްސަދުގައެވެ.
އެޗްޑީސީން ވަގުތީ މާރުކޭޓު ގޮޅިތަކެއް ދޫކުރާނެކަން އިއުލާން ކޮށްފައިވާއިރު އެކުންފުނިން ވަނީ މާލޭ ސިޓީ ކައުންސިލަށްވެސް ވަގުތީ މާރުކޭޓެއް މި ސަރަހައްދުގައި ހިންގުމަށް ބިން ހަމަޖައްސައިދީފައެވެ. މިއީ ރޯދަމަހަކީ މިބާވަތުގެ ޙިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރު މައްސަރަކަށް ވުމުން، މިކަމުގެ ސަބަބުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ މަންފާއާއި ލާބައަށް ބަލާފައި ނިންމި ނިންމުމެއް ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
މީގެ އިތުރުން ވިނަރެސް ކޮމާޝަލް ބްލޮކްގައި އެސްޓީއޯގެ ފިހާރައެއް ހިންގުމަށް އެކުންފުންޏާއި ވެސް ހަވާލު ކުރެވިފައިވާކަން އެޗްޑީސީން ފާހަގަ ކުރެއެވެ.
އެޗްޑީސީން ބުނިގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގާ މިފަދަ ކޮންމެ ކަމެއްގައި ހުރިހާ މުޢައްސަސާއަކަށްވެސް އެކުންފުނީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.