ހުޅުމާލެ ދެވަނަ ފޭސް އިން ވިއްކި ސަރުކާރަށް ވިއްކި 17 ބިމަކީ ބޯހިޔަވަހިކަމުގެ މަޝްރޫޢު ހިންގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ދޫކުރާ ބިންތަކެއް ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ހާމަކޮށްފައެވެ.
އެޗްޑީސީން މިހެން ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 އިން 17 ބިމެއް ސަރުކާރަށް ވިއްކުމާއި ގުޅިގެން ބައެއް މީޑިއާ ތަކުގެ ސުރުހީއަށް އައުމާއެކު ކަން ހިންގާފައިވާ ގޮތް ސާފުކޮށްދިނުމުގެ ގޮތުންނެވެ.
ސަރުކާރުން ގަތީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދު 17 ބިމެކެވެ. އެ ބިންތަކުގެ އަގަށް 878 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވުމުން، އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ކޯޓުން ވަނީ މިހަފްތާގައި ކަނޑައަޅާފައެވެ.
އެޗްޑީސީން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ، ސަރުކާރުގެ ބޯހިޔާވަހިިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭއިން، 17 ބިމެއް ވިއްކުމަށް ވިއްކާފައިވަނީ އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން އެކުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. މި 17 ބިިމުގައި 4000 ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާއިރު، މި ބިން ވިއްކާފައިވަނީ ބިމުގެ މިލްކުވެރިކަން ބަދަލު ކުރުމަށް، ކޯޓު މަރުހަލާގެ ތެރެއިންނެވެ. މިއާއެކު މި ބިންތަކުގެ މިލްކުރެވިކަން މިހާރުވަނީ ފިނޭންސް މިނިސްޓްރީގެ މައްޗަށް ބަދަލު ކުރެވިފައެވެ.
އެޗްޑީސީން ފާހަގަ ކުރި ގޮތުގައި ހުޅުމާލެ ދެވަނަ ފޭސް ހިއްކާފައިވަނީ ލޯނު ނަގައި އެކި ގޮތްގޮތަށް ކުންފުނިން ޙަރަދުކޮށްގެން ކަމުން، ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ދިނުމުގައި އަބަދުވެސް އަގު ކަނޑައެޅިފައިވާ ކަމަށެވެ. އަދި މީގެ ކުރީންވެސް ހިންގާފައިވާ ކޮންމެ މަޝްރޫޢުއަކަށް ބިމުގެ މިލްކުވެރިކަން ބަދަލުކޮށްފައިވަނީ އަގު ދެއްކުމުން ކަމަށެވެ.
އަދި މި ބިންތަކަކީ އިޖްތިމާޢީ ބޯހިޔާވަހިކަމަށް ބޭނުން ކުރެވޭ ބިންތަކަށް ވުމުން، މި ބިމުގެ އަގު ކަނޑައެޅުމުގައި މަޝްރުޢޫ ހިންގައި ނިންމައި އާންމުންނަށް ދޭއިރު ލުއި އަގުތަށް ލިބޭނެ ގޮތަށް ލުއި އަގެއްގައި ވިއްކާފައިވާ ބިން ކަމުގައި އެޗްޑީސީން ބުނެއެވެ.