Last Updated: July 17, 18:07
Friday, July 17, 2026
ދީން

ރޯދައިގެ ހުކުމް

ކީރިތި ޤުރްއާނުގައި ރޯދައިގެ ވާހަކަ ވަރަށް ތަފްޞީލުކޮށް ބަޔާން ކުރައްވާފައި ވެއެވެ.

"އޭ އީމާން ވެއްޖެ މީސްތަނުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންނަށް ފަރްޟު ކުރެއްވުނު ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރްޟު ކުރެއްވިއްޖެ އެވެ. އެއީ ތިޔަބައި މީހުން ތަޤްވާވެރިވޭތޯއެވެ."

"ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކަކަށެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެ އުޅޭ މީހާ، ނުވަތަ ދަތުރެެއްގެ މަތީގައިވާ މީހާ، އެހެން ދުވަސް ތަކަކުން އެ ޢަދަދު ހަމަ ކުރުން ހުއްޓެވެ. އުނދަގޫކަމާއި އެކު އެކަމަށް ކުޅަދާނަވާ މީހާގެ މައްޗަށް އޮތީ ފިދުޔަ ދިނުމެވެ. އެއީ، މިސްކީނަކަށް ކާން ދިނުމެވެ. އިތުރު ހެއުކަމެއް ކޮށްފި މީހާ، އެ ކުޅަ ހެއުކަމެއް އެ މީހަކަށް ހެއުކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދައަށް ތިބުން (އެބަހީ، އުނދަގޫކަމާއިއެކު ރޯދައަށް ކުޅަދާނަކަން ލިބިގެންވާ މީހާވެސް ރޯދައަށް ހުރުން) ތިޔަބައިމީހުންނަށް ހެއުކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނޭ ނަމައެވެ."

"ތެދުމަގުގެ ތެރެއިންނާއި، ޙައްޤާއި ބާޠިލު ވަކިވުމުގެ ގޮތްތަކުގެ ތެރެއިން ފައުޅުވެގެން ހުރި ހެކިތަކެއް ކަމުގައްޔާއި، މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައި، ކީރިތި ޤުރްއާން އެ މަހެއްގައި ބާވައިލެއްވި ރަމަޟާން މަހެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެމަސް ދުށް މީހާ (އެބަހީ ތަނުގެ ގޮތުންނާއި ވަގުތުގެ ގޮތުން އެމަހާއި ލައްވާލިމީހާ) އެމަސް ފެށުނީއްސުރެން ނިޔަލަށް ދާންދެން ރޯދަ ހިފައިފާ ހުށި ކަމެވެ. ބަލިވެ އުޅޭމީހާ، ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، އެ މަހުގެ ދުވަސްތަކުގެ ޢަދަދު އެހެން ދުވަސްތަކަކުން ހަމަކޮށް އެ ޢަދަދަށް ރޯދަ ހިފުން ހުއްޓެވެ. މާތް ﷲ ތިޔަބައިމީހުންނަށް ތަނަވަސް ފަސޭހަ ގޮތް އިރާދަ ކުރައްވައެވެ. ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަށް މެދުވެރި ކުރައްވާކަށް އިރާދައެއް ނުކުރައްވަ އެވެ. މިގޮތަށް ހަމަޖައްސަވައިފައި ވަނީ، ތިޔަބައިމީހުން އެމަހުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވި ކަންމައްޗަށް މާތް ﷲ ގެ ކިބައަށް ތަކުބީރު ކިޔާ އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުވެރި ވޭތޯއެވެ."

"އަދި ތިމަންސުވާމީންގެ ރަސްކަންފުޅާއި މެދު، ކަލޭގެފާނުގެ އަރިހުން، ތިމަންސުވާމީންގެ އަޅުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަންސުވާމީންގެއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ، ރަސްކަލާނގެއެވެ. ތިމަންސުވާމީންގެ ކިބައަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންސުވާމީންގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެބައިމީހުން (ތިމަންސުވާމީންގެ އަޅުން) ވެސް ތިމަންސުވާމީންގެ އެންގެވި އެންގެވުމަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންސުވާމީންގެ ކިބައަށް އީމާންވާ ހުށިކަމެވެ. އެބައިމީހުންނަށް އިރްޝާދު ލިބި ތެދުމަގު ފެނޭތޯއެވެ."

(މަތީގައި އެ ވަނީ އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުން ފެށިގެން 187 ވަނަ އާޔަތުގެ ނިޔަލަށެވެ.)

ރޯދައަށް ތިބޭ ދުވަހުގެ ރޭގަނޑަށް ތިޔަބައިމީހުންގެ އަނބީންގެ ގާތަށް ގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރެއްވިގެން ވެއެވެ. އެކަނބަލުންނީ، ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. (އެބަހީ، އެއް ބަޔަކީ، އަނެއް ބައެއްގެ ޢިއްފަތްތެރިކަމާއި އަބުރު ރައްކައުތެރިކޮށް، ސިއްރުތައް ވަންހަނާކޮށް، އައިބުތައް ފޮރުވައިދޭން ތިބޭ ބައެކެވެ.) ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނަތްތެރިވަމުން ދިޔަކަން މާތް ﷲ ދެނެވޮޑިގެންފިއެވެ.

ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައި، ތިޔަބައިމީހުންގެ ކިބައިން އެކަން ޢަފޫ ކުރައްވައި، މާފު ކުރައްވައިފި އެވެ. ފަހެ މިހާރު ތިޔަބައިމީހުން އެކަނބަލުންނާއި ބީހި އުޅޭށެވެ. (އެބަހީ، ޖިންސީ ގޮތުން ދެމަފިރިންގެ މެދުގައި ހިނގާ ގުޅުންތައް ގުޅުނަސް އެންމެ ރަނގަޅެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި މާތް ﷲ ކަނޑައަޅުއްވައި ލިޔުއްވައިފައިވާ ގޮތް އެދިގަންނާށެވެ. އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ފަޖުރުގެ ސަބަބުން ކަޅު ރޮދީގެ ތެރެއިން ހުދު ރޮދި (އެބަހީ، ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުވާލުގެ އަލިކަން) ފައުޅުވެ އެނގިއްޖައުމަށް ދާންދެނެވެ. ދެން އެއަށްފަހު ރޭ ވެއްޖައުމަށް ދާންދެން ރޯދަ ފުރިހަމަ ކުރާށެވެ.

އަދި އަޅުކަން ކުރުމަށްޓަކައި ތިޔަބައިމީހުން މިސްކިތްތަކުގައި ތިބޭއިރު، އެކަނބަލުންނާއި ތިޔަބައިމީހުން ބީހި ނޫޅޭށެވެ. (އެބަހީ، ރޯދައަށް ތިބޭ ވަގުތަކީ، އަޅުކަމެއްގެ މަތީގައި ތިބޭ ވަގިތަކަށް ވާތީ، އެފަދަ ޢަމަލެއް ކުރުން އެކަށީގެންނުވާ ކަމަށްޓަކައި، އެއްވެސް ޙާލެއްގައި ރޯދައަށް ތިބެގެން ޖިންސީ ގުޅުމެއް ހިންގައިގެން ނުވާނެ އެވެ.) އެއީ މާތް ﷲ ކަނޑައަޅުއްވައިފައިވާ މީސްތަކުންނަށް އެފަދައިން ބަޔާންކޮށް ދެއްވަނީ އެބައިމީހުން ތަޤުވާވެރިވޭތޯއެވެ."

ރިވާޔަތްތަކުން އެނގޭ ގޮތުގައި ރޯދަމަސް އައީމާ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުޠުބާއެއް ދެއްވި އެވެ. ރޯދަ މަހު ރޯދަ ހިފުމުގެ މުހިއްމުކަމުގެ މައްޗަށް އެ ޚުޠުބާ ގައި ވާހަކަފުޅު ދެއްކެވި އެވެ.
قال على رضي الله عنه فقمت فقلت يا رسول الله , ما أفضل الاعمال فى هذاالشهر فقال ياأباالحسن , أفضل الاعمال فى هذاالشهر الورع من محارم الله

"ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވި އެވެ. އޭގެ ފަހުން އަހުރެން ކޮޅަށް ތެދުވީމެވެ. އަދި އަހަރެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. މި މައްސަރު ކުރުން އެންމެ ހެއު ޢަމަލަކީ ކޮބައިތޯއެވެ؟ ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ. އޭ ޙަސަންގެ ބައްޕާ އެވެ. މި މައްސަރު އެންމެ ހެއުކަން ބޮޑު ޢަމަލަކީ ﷲ ޙަރާމް ކުރެއްވި ކަންތައްތަކުން ދުރުހެލި ވެގެން ހުރުމެވެ."
މި ރިވާޔަތުން ރޯދައިގެ ޙަޤީޤީ ރޫޙަކީ ކޮބައިކަން އެބަ އެނގެ އެވެ. ރޯދައިގެ ޙަޤީޤީ ރޫޙަކީ ނުވަތަ މަޤްޞަދަކީ އެ ކަންތައްތަކުން ދުރުހެލި ވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރައްވައިފައިވާ ކަންތައްތަކުން ދުރުހެލި ވެގެން ހުރުމެވެ.

ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި ކެއިންބުއިމުން ދުރުހެލިވާން އަންގަވައިފައިވާ އެންގެވުމަކީ މި ޢަމަލުގެ ފިލާވަޅެކެވެ. އިންސާނަކު އެ ކަމަކުން ދުރުހެލިވާން އެންމެ ބޭނުން ނުވާނޭ ކަމަކީ ކެއުމާއި، ބުއިމެވެ. އިންސާނާގެ އެންމެ މުހިއްމު ބޭނުން ފުއްދުމުން ދުރުހެލިވާން އެންގެވުމުގެ މަޤްޞަދަކީ، ﷲ ކަމަކުން ދުރުހެލިވާން އަންގަވައިފި ނަމަ، އެ ކަމަކުން ދުރުހެލިވުމަކީ މަޖުބޫރު ކަމެއްކަން އެންގެވުމެވެ. އެއީ ތިމާގެ އާދައާއި، ޒަރޫރަތަށް ބަލާ އިރު ކިތަންމެ ބުރަ ކަމެއް ކަމުގައި ވިޔަސް އެކަން ނުކޮށް ދޫކޮށްލުން ނޫން އެއްވެސް ގޮތެއް ނެތްކަން ހަނދާން ކޮށް ދެއްވުމެވެ.

އެއީ ތިމާގެ ދިރިއުޅުމުގެ އެންމެ މުހިއްމު ބޭނުން ކަމުގައި ވިޔަސް އެ ކަމަކުން ދުރުހެލި ވެގަތުމަކީ ލާޒިމު ކަމެއްކަން އެންގެވުމެވެ.

އެހެން ރިވާޔަތެއްގައި މިކަން ހާމަކޮށް ދެއްވައިފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.

قال رسول الله صلى الله عليه وسلم : مامن عبد صا يشتم فيقول سلام عليكم لا اشتمك كماتشمنى إلاقال الرب تبارك وتعالى: استجارعبدى بالصوم من شرعبدى فقداجرته من النار

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ރޯދައަށް ހުރި މީހަކާ ދިމާއަށް ހުތުރު އެއްޗެކޭ ބުނެވިއްޖެ ނަމަ، އެ މީހަކު ކަލޭގެ މައްޗަށް ސަލާން ހުއްޓޭ، ކަލޭ އަހަރެންނާ ދިމާއަށް ހުތުރު އެއްޗެކޭ ކީ ފަދައިން އަހަރެން ކަލެޔާ ދިމާއަކަށް ހުތުރު އެއްޗެކޭ ނުކިޔާނަމޭ ބުނެފި ނަމަ ﷲ ތަބާރަކަ ވަތަޢާލާ ވަޙީ ކުރައްވާނެއެވެ. ތިމަން ﷲ ގެ އަޅާ ރޯދައިގެ ވަސީލަތުން ނުބައި ކަމަކުން ދުރުހެލި ވެގެންފިއެވެ. އެހެންވީމާ ތިމަން ﷲ އެ އަޅާ އަލިފާނުން ސަލާމަތް ކުރައްވާ ހުށީމެވެ."

ރޯދައިގެ މަޤްޞަދަކީ އިންސާނާގެ ދިރިއުޅުމަކީ ވަކި ހަމަތަކެއްގެ ތެރޭގައި ބަނދެވިފައިވާ ދިރިއުޅުމަކަށް ހެދުމުގެ ޤާބިލުކަން ލިބޭނޭ ގޮތް ހެއްދެވުމެވެ. އެއްވެސް ކަހަލަ ހަމައެއް ނެތް ދިރިއުޅުމަކަށް މަގުފަހި ކުރުމެއް ނޫނެވެ.