ކައުންސިލްތަކާއި ގުޅިގެން ރަށްރަށުގައި ޓުއަރ ގައިޑުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިއަހަރު ފަށާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މައުސޫމް މިކަން ހާމަކޮށްފައިވަނީ، ނ. ލަންދޫގައި ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ފަތުރުވެރިކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި މިނިސްޓަރ މައުސޫމް ވާހަކަ ކުރިއަށް ގެންދެވިއިރު ރަށްރަށުގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
މިގޮތުން މިހާރުވެސް 117 ރަށުގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް މިހާރު ފެށިފައިވާ ކަމަށާއި، މިއަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ތައާރަފް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ރަށްރަށާއި ހަމައަށް އަންނަ އިރު އެރަށެއްގައި ހުރި ސަޤާފީ ކަންކަން ކިޔައިދޭށައި އެރަށުގެ ކަންކަން ފަތުރުވެރިންނަށް އޮޅުން ފިލުވައި ދޭނެ ބައެއް ތިބެން ޖެހޭ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް އެވާހަކަ ކިޔާލަދިނުމުން އެމީހުންނަށް އެކަންކަން އިހުސާސް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމުގެ ވާހަކަފުޅުގައި ރަށްރަށުގައި ހުންނަ ސަޤާފީ ތަންތަނާއި ކުޅިވަރުތަކާއި އެހެނިހެން ކަންކަން ފަތުރުވެރިންނަށް ދައްކުވައި އެތަނަށް އަންނަ މެޙެމާނުން އަތުން ކޮންމެވެސް ވަރެއްގައި އާމްދަނީއެއް ނަގައި މިފަދަ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިގެން ނޫނީ އެކަންކަން ކުރި ނާރާނެ ކަމަށެވެ.
" ޓުއަރ ގައިޑުން ފުރިހަމައަށް ތަމްރީނުކޮށް، ރަށުގެ ޒުވާނުންނަށް ޓުއަރ ގައިޑުންގެ ގޮތުގައި މަސައްކަތް ކުރެވޭނެ މަގުފަހިކޮށް އެ ބެފުޅުން ޓްރެއިންކޮށް ފަތުރުވެރިކަމާއި ގުޅުވާލާނަން. " މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. " އެ މަސައްކަތް އަޅުގަނޑުމެން ކައުންސިލްތަކާއި އެއްކޮށް މިއަހަރު ފަށައިގެން ކުރިއަށް ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން "
މީގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރު ފަތުރު ކަމަށްވާއިރު، އާރްޓީއެލް ނިޒާމާއި އެއާޕޯޓުތައް ތަރައްޤީވެގެން ދާއިރު އެ ރަށްރަށަށް މީހުން ދަތުރު ކުރާ މިންވަރު އިތުރުވެ ރަށްރަށުގެ ރައްޔިތުންނަށް އޭގެ މަންފާ ލިބެން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ ތެރެއަށް ޔޮޓް ދަތުރުތައް އިތުރުވުމުން އިތުރަށް ފުޅާވެގެން ދާނެ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ސަވާދީއްތަ ދެވަނަ އެޑިޝަން ފަށާއފައިވާއިރު މި ފަހަރު 14 ޔޮޓެއް މި ދަތުރުގައި ބައިވެރިވެއެވެ. މިދަތުރުގައި 9 ރަށަކަށް ދިއުމަށް ހަމަޖެހިފައިވާއިރު، 13 ޤައުމެއްގެ މީހުން މި ދަތުރުގައި ބައިވެރިވެއެވެ.