މަރަދޫ ވެންބޮޅަ ސްޓޭޑިއަމްގައި ރޭ ފެށި "އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕް 2014"ގެ ފުރަތަމަ މެޗް ޒިލޯން ކާމިޔާބް ކުރިއިރު ދެވަނަ މެޗް ޝަންގްރިއްލާ ކާމިޔާބް ކޮށްފިއެވެ.
ހުޅުވުމުގެ ކުޑަ ރަސްމިއްޔާތަކާއި އެކު ފެށި ފުރަތަމަ މެޗް އެންމެ ފަހުގެ ޗެމްޕިއަން ޒިލޯން ކާމިޔާބް ކުރީ 3-1 ލަނޑުންނެވެ. ހިތަދޫ އެފްސީ ޒެފިއާ އާއި ވާދަކުރި މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބްކޮށްދިނީ ޝައްފާންއެވެ. ނަމަވެސް ދެވަނަ ހާފްގައި އެފްސީ ޒެފިއާއިން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ޓީމަށް ކާމިޔާބް ކޮށްދިނީ އަލީ ހަބީބްއެވެ.
ޒެލޯންގެ ދެވަނަ ލަނޑު ހަސަން ނަސީރު ކާމިޔާބްކޮށްދިން އިރު 3 ވަނަ ލަނޑު ޖަހައިދިނީ ޝައްފާންއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަސަން ނަސީރުއެވެ.
ރޭގެ ދެވަނަ މެޗްގައި ޝަންގްރިއްލާ އަދި މަލްޓި ޖީނިއަސް ބައްދަލު ކުރި މެޗް 6-4 ލަނޑުން ކާމިޔާބް ކުރީ ޝަންގްރިއްލާއެވެ. ޝަންގްރިއްލާގެ ލަނޑުތައް އެޓީމަށް ކާމިޔާބްކޮށްދިނީ، އަލީ ނާފިއު، ހަސަން އައްސަދު، އަހްމަދު ޝަފިއު އަދި އިބްރާހިމް މުހައްމަދު އާއި އިބްރާހިމް ރިޒްވާންއެވެ.
މަލްޓި ޖީނިއަސްގެ ލަނޑުތައް ޖަހާ ދިނީ މުހައްމަދު އިންޝާލް އާއި އަހްމަދު މުހައްމަދުގެ އިތުރުން އިބްރާހިމް ސައީދުއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަންގްރިއްލާގެ ހަސަން އައްސަދުއެވެ.
މިރޭ މި މުބާރާތުގެ 3 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި މިރޭ 9 ޖަހާއިރު ވާދަކުރާނީ އެފްވައިސީ އަދި ޒިލޮޓެވެ. ދެވަނަ މެޗްގައި ހަބޭސް އަދި އެފްއާރްޓީ ވާދަކުރާއިރު ފަހު މެޗްގައި ވާދަކުރާނީ އަބާނީ އާއި ކްލަބް މަރަދޫއެވެ.