Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ކާތިކްގެ "ބޫލް ބުލައްޔާ 3" އަންނަ އަހަރު

މިދިޔަ އަހަރު ރިލީޒްކުރި ކާތިކް އާރިއަންގެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ 2" ގެ ތިން ވަނަ ބައި އިއުލާންކޮށްފި އެވެ.

އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ގޮތަށް ފިލްމު އިއުލާންކުރީ ޑައިރެކްޓަރު އަނީސް ބަޒްމީ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. ކާތިކާ އެކީ "ބޫލް ބުލައްޔާ 3" އިއުލާންކުރި ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގެ ކާސްޓްގައި ހިމެނޭ ކިއާރާ އަދުވާނީ ތައްބޫ ތިން ވަނަ ބައިގައި ހިމެނޭނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ކާތިކާއި އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން، ކިއާރާ މިހާރު ވެސް އަންނަނީ އިތުރު ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ މި އަހަރުގެ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސަތިއަޕްރޭމް ކީ ކާތާ" އެވެ.

ކާތިކްގެ "ބޫލް ބުލައްޔާ 2" އަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަން 2007 ގައި އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އާއި ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލްއާ އެކު ގެނެސްދިން ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކްއެލް އެވެ. ގާތްގަނޑަކަށް 70 ކްރޯޑް ރުޕީސް (8.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ބޫލް ބުލައްޔާ 2" އަކީ ބޮކްސް އޮފީހުގައި 266.88 ކްރޯޑް ރުޕީސް (32.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 17 ގައި ރިލީޒްކޮށް މާ ބޮޑު ތަރުހީބެއް ނުލިބުނު "ޝެހެޒާދާ" އެވެ.