ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކައިފް އެކީގައި ފިލްމަކަށް ގެންނަން އުޅޭކަމުގެ އިޝާރާތެއް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ދީފި އެވެ.
މި ދެ ތަރިންނަކީ ވެސް އެ ސްޓޫޑިއޯގެ "ސްޕައި ޔުނިވާސް" އަށް ނިސްވަތްވާ ދެ ތަރިންނެވެ. އެގޮތުން ދީޕިކާގެ ފިލްމަކީ މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި ޝާހްރުކް ޚާންގެ "ޕަތާން" އެވެ. ކެޓްރީނާ އަކީ ވައިއާރްއެފުން ސަލްމާން ޚާނާ އެކީ ގެނެސްދޭ "ޓައިގާ' ފްރެންޗައިޒްގެ ބަތަލާ އެވެ. މީގެ ތިން ވަނަ ބައި މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ އެވެ.
"ޓައިގާ" ފްރެންޗައިޒް" ގައި ކެޓްރީނާ އަކީ ޕާކިސްތާންގެ އިންޓަ-ސާވިސެސް އިންޓެލިޖެންސް އައިއެސްއައި ގެ އޭޖެންޓެކެވެ. އޭނަގެ ކެރެކްޓާގެ ނަމަކީ ޒޯޔާ އެވެ. "ޕަތާން" ގައި ދީޕިކާ ވެސް ކުޅުނީ އައިއެސްއައިގެ އޭޖެންޓެއްގެ ރޯލެކެވެ. ކެރެކްޓާގެ ނަމަކީ ރުބީނާ (ރުބައި) އެވެ.
"ޕަތާން" ގެ ސްކްރީން ރައިޓަރު ޝްރީދާރް ރަގްވަން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ވައިއާރްއެފްގެ މިހާރު އަމާޒަކީ ޝާހްރުކާއި ސަލްމާން ޓައިގާ އާއި ޝާހްރުކްގެ ކެރެކްޓާތައް އެއް ފިލްމަކަށް ގެންނަން ޕްލޭންކޮށްފައި އޮތް ގޮތަށް ޒޯޔާ އާއި ރުބީނާ ގެ ކެރެކްޓާ ވެސް އެއް ފިލްމަކަށް ގެންނަން ކަމަށެވެ.
"އަންހެން ޖާސޫސުންގެ ފިލްމުތައް އަހަރެމެންގެ ތެރޭގައި ވަރަށް މަދު ވެސްމެ. އެހެންވީމަ ހަމައެކަނި ފިރިހެން އެކްޓަރުންނަށް ބިނާކޮށް އެފަދަ ފިލްމުތައް ހެދުމުގެ ބަދަލުގައި އަހަރެމެންގެ ވިސްނުމަކީ ވަރުގަދަ އަންހެން ޖާސޫސުން އެއް ފިލްމަކަށް ގެނައުން،" އޭނާ ބުންޏެވެ. "އޭގެ މާނަ އަކީ ރުބީނާ އާއި ޒޯޔާ އެކީގައި ފެންނާނެއޭ."
މިއާ އެކީ އެ ފިލްމެއް ވާނީ އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ކެޓްރީނާ އާއި އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދީޕިކާ އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ދެ ތަރިންގެ މެދުގައި ކުރިން ވަރަށް ބޮޑު ވާދަވެރި ކަމެއް އަދި ރުޅިވެރިކަމެއް ވެސް އޮތް ކަމެވެ. އެއީ ދީޕިކާއާ ރައްޓެހިވެގެން އުޅެފައި އޭނަ ދޫކޮށް، މިހާރު އާލިއާ ބަޓާ ކައިވެނިކޮށްފެން އުޅޭ ރަންބީރު ކަޕޫރް ރައްޓެހިވުމުންނެވެ.
ނަމަވެސް ދީޕިކާ 2018 ގައި ރަންވީރާ ކައިވެނި ކުރި ފަހުން އޭނަ އާއި ކެޓްރީނާއާ ދެމެދު އޮތް ހަތުރުވެރިކަން ނިމުމަކަށް އައިސްފައިވެ އެވެ.
ދީޕިކާ އާއި ކެޓްރީނާ އެއް ފިލްމަކަށް ގެންނާނެކަމުގެ އިޝާރާތެއް ދިން ނަމަވެސް ވައިއާރްއެފުން އަދި ރަސްމީކޮށް އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކާއި ސަލްމާނާ އެކީ ހަދަން ނިންމާފައިވާ ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ.