އައްޑޫގެ ސްކޫލްތަކުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުން ތަކެއް ކްރިސްޓިއަން ދީން ފެތުރުމުގެ ހަރަކާތްތަކެއް ހިންގާކަމަށް ފަތުރައިގެން އުޅެނީ ހަގީގަތާއި ހިލާފް ވާހަކަ ތަކެއް ކަމަށާއި، އެފަދަ ކަމެއް އައްޑޫގައި ހިނގަމުން ނުދާކަމަށް ދެކުނު ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން "އައްޑޫލައިވް"އަށް ވިދާޅުވީ، ބިދޭސީ ޓީޗަރުންތެކެއް ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އައްޑޫގެ މީޑިއާއެއްގައި އެހަބަރު ޝާއިއު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އައްޑޫގައި ހިނގަމުން ނުދާކަމަށެވެ.
ބިދޭސީ ޓީޗަރުންތަކެއް ކްރިސްޓިއަން ދީން ފަތުރަމުން އަންނަނީ މަރަދޫގައި ކަމަށް ނޫހުގައި ވަނީ ލިޔެފައެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަދި އައްޑޫގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ މަރަދޫގައިވެސް އަދި އައްޑޫގެ އެއްވެސް ރަށެއްގައި އެހެން ދީނެއް ފަތުރަން ބަޔަކު މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް މިކުޑަ މުޖްތަމައުގައި ހިނގާނަމަ އެންމެނަށް އެކަން އެނގި އެވާހަކަ ދައްކާނެކަމަށެވެ.
ޓޮމް ވިދާޅުވީ މިހަބާރާއި ގުޅިގެން މަރަދޫގެ ސްކޫލްގެ ވެރިންނާއި ގުޅައި މައުލޫމާތު ހޯދި ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ސްކޫލްގެ ޓީޗަރުންގެ ފަރާތުން ހިނގަމުން ނުދާކަމަށް ސްކޫލްގެ ވެރިން ބުނެފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ، އައްޑޫގައި ކްރިސްޓިއަން ދީން ފަތުރާކަމަށް ބުނެ ހަގީގަތާއި ހިލާފް މައުލޫމާތު ފަތުރަމުންދާ މައްސަލަ އަކީ ޒިއްމާދާރުކަން ކުޑަ ކަމެއްކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ތުންތުން މަތިން ދެކެވޭ ވާހަކަތައް، ހޯދަން ޖެހޭ ވަރަށް މައުލޫމާތު ނެތި ފެތުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ.