Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ އަންހެނުންނާ ދެކޮޅަށް މައްސަލައެއް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އަންހެނުން އަދި އިންޓީރިއާ ޑިޒައިނަރު ގޯރީ ޚާނާ ދެކޮޅަށް މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޯރީއާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅީ އޭނަ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏަކަށް ފްލެޓަށް ގަންނަން ފައިސާ ދެއްކުމުން ވެސް، ފްލެޓް ދީފައި ނުވާތީ އެވެ. އެގޮތުން މުމްބާއީ އަށް ނިސްބަތްވާ ޖަސްވަންތު ޝާހް ކިޔާ މީހާ ބުނި ގޮތުގައި ފްލެޓެއް ގަންނަން އޭނަ 86 ލައްކަ ރުޕީސް ދިން ނަމަވެސް، އޭނަ ގަންނަން ހުށަހެޅި ފްލެޓް އެހެން މީހަކަށް ވިއްކައިލުމަށް ފަހު، ފައިސާ އަނބުރާ ދީފައެއް ވެސް ނުވެ އެވެ.

ފައިސާ ދެއްކި ކުންފުންޏަކީ ތުލްސިޔާނީ ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ލިމިޓެޑެވެ. ޖަސްވަންތަށް ފްލެޓް ނުލިބުނު މައްސަލާގައި އެ ކުންފުނީގެ ޗީފް މެނޭޖިން ޑިރެކްޓަރު އަނިލް ކުމާރު ތުލްސިޔާނީ އާއި ޑިރެކްޓަރު މަހޭޝް ތުލްސިޔާނީ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ތުހުމަތުކޮށްފައިވެ އެވެ.

ޖަސްވަންތު ބުނި ގޮތުގައި ގޯރީއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ފްލެޓް ގަންނަން ބޭނުންވީ ތުލްސިޔާނީ ކޮންސްޓްރަކްޝަންގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ގޯރީގެ ނުފޫޒުން ފްލެޓް ގަންނަން ހިތްޖެއްސުމުންނެވެ.

ގޯރީ އަކީ އިންޑިއާގެ ވަރަށް ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރެކެވެ. އަދި ގޯރީ ޑިޒައިން (ޖީޑީ) ގެ ނަމުގައި ލަގްޒަރީ ޑިޒައިން ސްޓޫޑިއޯއެއް ވެސް އޭނަ ހިންގަ އެވެ.