އައްޑޫ ހިތަދޫން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ގިނަވެ ހޮނިހިރު ދުވަހުވެސް ފޯމު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލް އިދާރާއިން ބުނެފިއެވެ.
މިކަން ހާމަކޮށް ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ހިތަދޫއިން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ 05 މާރިޗު ވާ އާދީއްތަ ދުވަސް ކަމަށެވެ. ނަމަވެސް މިއަދުވެސް ފޯމް ހުށަހަޅަން ގިނަ ބަޔަކު ތިބުމާއިއެކު އަދި ފޯމުގައި ހިމެނިފައިވާ ހުރިހާ މައުލޫމާތެއް ސާފުކުރަން ގިނަ ވަގުތު ހޭދަވުމުން، ހޮނިހިރު ދުވަހަކީވެސް ފޯމް ބަލައިގަންނަ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން 04 މާރިޗުވާ ހޮނިހިރު ދުވަހު ފޯމް ބަލައިގަންނާނީ ހެނދުނު 10:00 އިން މެނދުރުފަހު 2:00 އާއި ހަމައަށް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ފޯމް ބަލައިގަންނަ އެންމެ ފަހު ދުވަސް ކަމަށްވާ 05 މާރިޗު ވާ އާދީއްތަ ދުވަހު ފޯމް ބަލައިގަންނާނީ ހެނދުނު 9:00 އިން މެނދުރު 1:00 އާއި ހަމައަށް ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކުރެއެވެ.
ހިތަދޫ އަވަށުން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ އަދަދު ގިނަވެ އެއްދުވަސް ހަފްތާ ބަނދުގައިވެސް ފޯމް ބަލައިގަތުމަށް ނިންމާފައިވާއިރު، މިހާރުވެސް ހާހަކާއް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ހިތަދޫ އަވަށުން ދޫކުރަން ހަމަޖެހިފައިވަނީ 500 ބިމެވެ.