ވިލިމާލޭގައި ދޭން ފަށާ ބަގީ ހިދުމަތަށް ނަގާނީ އެންމެ 2ރ. ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ހިދުމަތަށް އަގުތަށް ކަނޑައަޅާފައި ވަނީ ކައުންސިލުގެ 91 ވަނަ ޖަލްސާގަ އެވެ. ބަގީ އަގުތަށް ކަނޑައަޅަން ހުށެހެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ. އަދި ހުށަހެޅުމަށް ތައީދު ކުރެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.
ވިލިމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ އަވަށަކަށްވާ އިރު އެ އަވަށުގައި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމް ކުރުމަށް، ކައުންސިލުން ނިންމައި، އެކަމަށް 10 ބަގީ ވަނީ ގެނެސްފައިވެ އެވެ. ބަގީ ހިދުމަތް ދޭނީ ރައްޔިތުންނަށް ބުރަ ނުވާ ލުއި އަގެއްގައި ކަން ކައުންސިލުން ހާމަކޮށްފައިވާ އިރު، ދަތުރުގެ އަގުތައް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
ބަގީގެ އާންމު ދަތުރަކަށް 2ރ. ނަގަން ނިންމި އިރު، "ޕްރައިވެޓް ހަޔާ" އަށް ވެސް ބަގީ ހިފޭނެ އެވެ. އެގޮތުން ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނަގާ ނަމަ އަގުތަކަކީ:
* 4 ސީޓްގެ ބަގީއަކަށް 6ރ.
* 6 ސީޓްގެ ބަގީއަކަށް 10ރ.
* 12 ސީޓްގެ ބަގީއަކަށް 15ރ.
ކައުންސިލުން ފޯރުކޮށްދޭ ބަގީ ހިދުމަތް އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއެއް ބޭނުންވާ މީހުންނަށް އަދި ސްކޫލު ޔުނިފޯމްގައި ތިބޭ ދަރިވަރުންނަށް ހިލޭ ބޭނުން ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ވިލިމާލޭގައި ބަގީ ޚިދުމަތް ދިނުމަށް ކައުންސިލުން ތައްޔާރުވެފައިވާ އިރު، އިލެކްޓްރިކް ބަސްތަކެއް ވެސް ސަރުކާރުން ގެނެސް އެމްޓީސީސީގެ ދަށުން ހިންގާ ބަހުގެ ހިދުމަތް ވަނީ ދޭން ފަށައިފަ އެވެ.