އިންޑިއާގެ ބަތަލާ ސުޝްމިތާ ސެން އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދައިފި އެވެ.
ބައްޕައާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ 48 އަހަރުގެ ބަތަލާ މިއަދު ބުނީ ހާޓްއެޓޭކެއް ޖެހުނީ މީގެ ދުވަސްތަކެއް ކުރިން ކަމަށާއި ފަރުވާ ހޯދުމަށް ފަހު ހާލަތު މިހާރު ރަނގަޅު ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު ވާހަކަތައް ފަހުން ހިއްސާކުރާނެ ކަމަށް ބުނެ 1994 ގެ މިސް ޔުނިވާސް ވަނީ ހިތާ މެދު ފަރުވާތެރިވުމަށް ފޭނުންނާއި ހެޔޮއެދޭ މީހުންނަށް ނަސޭހަތް ވެސް ދީފަ އެވެ.
ސުޝްމިތާ މިދިޔަ އަހަރު ޒުވާން ލޯބިވެރިޔާ ރަހްމާން ޝޯލްއާ ވަކިވެފައިވާ އިރު، އެ ގުޅުން ނިމުމަމަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އިންޑިއާގެ ވިޔަފާރިވެރިޔާ ލަލިތު މޯދީ، 56، އާ ވެސް ރައްޓެހިވި އެވެ. އެކަމަކު ލަލިތު ގުޅުން ސޯޝަލް މީޑިއާގައި އާންމުކުރިތާ ދެ ހަފުތާއެއްހާ ފަހުން ގުޅުން ނިމުމަކަށް އައިކަމުގެ އަޑުތަކެއް އެރި އެވެ.
ރަހްމާނާ ލޯބީގެ ގުޅުން ކެނޑުލަސް މިހާރު ވެސް އޭނަ އާއި ސުޝްމިތާއާ ދެމެދު ވަރަށް ގާތް އެކުވެރި ކަމެއް އޮވެ އެވެ. އަދި ސުޝްމިތާ އެޑޮޕްޓްކޮށްފައިވާ ދެ އަންހެން ކުދިން ވެސް ރަހުމާން ދެކެނީ އާއިލީ މީހެއްގެ ގޮތުގަ އެވެ.
އެކްޓިންއާ ދުރުގައި ހުންނަތާ ދުވަސްތަކެއް ފަހުން ސުޝްމިތާ ކުޅުނު 2020 ގެ ވެބް ސީރީޒް "އާރިއާ" ގެ ތިން ވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އޭނަގެ އަތުގައި ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ތާލީ" ކިޔާ ބައޮގްރަފިކަލް ވެބް ސީރީޒެއް ވެސް ހިމެނެ އެވެ.