Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މީދޫ ކައިރީ އަލަށް ކަނދުފައްޗެއް އަޅަނީ

ކަނދުފަތި އެޅުމަށް ބޭނުންވާ ސާމާނު އައްޑޫއަށް ގެންނަނީ / ފޮޓޯ: އައްޑޫސިޓީ ކައުްންސިލް

އައްޑޫސިޓީގައި ކަނޑައިގެން ގޮސްފައިވާ ދެ ކަނދުފައްޗެއް އަލުން އަޅައި، މުޅިން އަލަށް މީދޫ ކައިރިން ކަނދުފައްޗެއް އެޅުމަށް ތައްޔާރުވަމުންދާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑުސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ، އައްޑޫގައި އާންމުކޮށް މަސްވެރިކަން ކުރާ ސަރަހައްދުތަކުގައި ކަނދުފަތި ނެތް މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، މުޅިން އަލަށް މީދޫގައި ކަނދުފައްޗެއް އަޅައި ކަނޑައިގެން ގޮސްފައިވާ ދެ ކަނދުފަތި މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އައްޑޫއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

" ކުރީގެ ވިލިގިލި ކަނދުފަތި އޮތް ސަރަހައްދާއި، ކުރީގެ ސުނާމީ ކަނދުފަތި އޮތް ސަރަހައްދުގެ އިތުރުން މުޅިން އަލަށް މީދޫ ކައިރީގައި ކަނދުފަތި އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫސިޓީއަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ދަނީ " ޝުއާއު ވިދާޅުވިއެވެ.

ޑެޕިއުޓީ މޭޔަރ ޝުއާއު ވިދާޅުވީ، މިއީ އައްޑޫސިޓީ ކައުންސިލުގެ އެދުމުގެ މަތިން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. އަދި އައްޑޫގެ މަސްވެރިން ޒަމާނުންސުރެ މަސްވެރިކަން ކުރާ ސަރަހައްދުތަކުގައި ކަނދުފަތި ނެތުމުގެ ޝަކުވާއަށް މިކަމުން ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

އައްޑޫގައި އަޅާ ތިން ކަނދުފަތީގެ ތެރެއިން މީދޫ ކައިރީންނާއި ގަން ކައިރިން އަޅާ ކަނދުފައްޗަކީ ވަދު މަސްވެރިކަމަށް ހާއްސަ ދެ ކަނދުފައްޗެވެ. އަދި ވިލިނގިލި ކައިރީ އަޅާ ކަނދުފައްޗަކީ ދޮށީ މަސްވެރިކަމަށް ހާއްސަކޮށް އަޅާ ކަނދުފައްޗެކެވެ.