Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ސްޕޯޓްސް ފިޝިން އަށް ހާއްސަ 4 ކަނދުފައްޗެއް

ކަނދުފަތި އެޅުމުގެ މަސައްކަތުގައި / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ވަދު މަސްވެރިކަމާއި ސްޕޯޓްސް ފިޝިންގްއަށް ހާއްސަ ކަނދުފަތި ރާއްޖެގެ ދެކުނުގެ، އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.

"ވަދު ކަނދުފަތި" އެޅުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ވަނީ ފަށާފައެވެ. މިއީ ރައްޔިތުންނަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއިއެކު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން އަދި ސްޕޯޓްސް ފިޝިންގްއަށާއި، ރަށާއި ގާތުން ކެއިން ބުއިމަށް ބޭނުންވާ މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި އަޅާ ކަނދުފަތިތަކެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިގޮތުން ފަށާއިރު ރާޢްޖޭގެ ދެކުނުގެ 3 އަތޮޅުގައި 4 ކަނދުފައްޗެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަނދުފަތި އެޅުމުގެ މަސައްކަތް ނިންމާލާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މި ކަނދުފަތިތައް އަޅާނީ އެ ދެކުނުގެ އެ ހަތަރު ސަރަހައްދު ސާވޭ ކުރުމަށް ފަހު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މި ދަތުރުގައި ކަނދުފަތި އެޅުމަށް ހަމަޖެހިފައިވަނީ ގއ.، ޏ އަދި ސ. އަތޮޅުގައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިދަތުރުގައި ވަދު ކަނދުފަތިތަކުގެ އިތުރަށް ދޮޝީގެ މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެއް ވެސް އައްޑޫގައި އަޅާނެއެވެ. އަލަށް އަޅާ ކަނދުފަތިތަކަކީ މީގެ ކުރީން އަޖުމަ ބެލުމަށް އެޅި ކަނދުފަތިތަކަަށް ބެލުމަށް ފަހު ފާހަގަވި ކަންކަމަށް ބަލައި ޑިޒައިނަށް ބަދަލު ގެނެސްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ކަނދުފަތި އަޅާ ސަރަހައްދުތައް —

މި ކަނދުފަތިތައް ފަރުމާ ކުރެވިފައިވަނީ، ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް "ރޭޑަރ ރިފްލެކްޓަރ" އާއިއެކުގައެވެ. މިކަނދުފަތިތައް ދޮށީގެ މަސްވެރިކަމަށް ހާއްސަ ކަނދުފަތިތަކާއި ވަކިކުރުމަށް ހުންނާނީ ނުލުގެ އުދަރެހާއިއެކު ހޯދުމަށް ފަސޭހަވާ ގޮތަށް ރީނދޫ ކުލައިގައެވެ. މި ކަނދުފަތި ޤާއިމް ކުރާނީ ރަށުގެ ކައިރިން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ.

އަލަށް ޤާޢިމް ކުރެވޭ މި ކަނދުފަތިތަކާއި އެކު ރާއްޖޭގެ މަސްވެރިކަން ކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުސަތުތަކެއް ހުޅުވި، މިމަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އައު ދޮރެއް ހުޅުވިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކުދި އުޅަނދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ރަށާއި ގާތުން މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެ، އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރުވެގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ވަދު މަސްވެރިކަމާއި ސްޕޯޓްސް ފިޝިންގް އަށް ހާއްސަ ކަނދުފަތި / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

މިއާއެކު މިއީ ދިވެހި ދައުލަތުން ބޮޑު ޙަރަދެއްކޮށްގެން އަޅާ ކަނދުފަތިތަކެއް ކަމުން، ކަނދުފަތިތަކަށް ގެއްލުންވާފަދަ މަސްވެރިކަމުގެ އާންމު ޤަވާއިދާއި ޙިލާފު އަމަލު ނުކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އަދި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ވަށައިގެން 3 މޭލު ސަރަހައްދެއްގައި އެހެން ބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށާއި ވަދު ކަނދުފަތިތަކުގެ ކައިރީ ދޮށީގެ މަސްވެރިކަން ނުކުރުމަށް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.